ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ސައިޓު އޭ ހިއްކުމުގެ މަސައްކަތް ލަސްވީ އެ ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއްގެ ސަބަބުން ކަމަށާއި ދެ ދުވަހެއް ތެރޭ އެ ތަން ހިއްކައި ނިންމުމުގެ މަސައްކަތް ކުރާ ކަމަށް އާބަންކޯއިން މިއަދު ބުނެފިއެވެ.

އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އާބަންކޯއިން ބުނީ މިހާރު ކުރަމުން ދަނީ އެ ކުނިތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން ދެވަރަކަށް ދުވަސްތެރޭ ސައިޓު އޭ ހިއްކައި ނިމޭނެ ކަމަށް އާބަންކޯއިން ވަނީ ލަފާކޮށްފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ސައިޓު އޭ ނިމޭނެ ކަމަށް އާބަންކޯއިން އެންމެ ފުރަތަމަ ބުނީ، މިދިޔަ ހުކުރު ދުވަހަށެވެ.

އާބަންކޯއިން ބުނީ "އޭރިއާ އޭ"އަށް ފަހު ދެން ފަށާނީ "އޭރިއާ ބީ" ހިއްކުމުގެ މަސައްކަތް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާ ވެސް އަވަހަކަށް ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.

މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމަށް ހިއްކާ ސަރަހައްދެކެވެ. މި ސަރަހައްދުން 700 އެއްހާ ގޯތި ދޫކުރާނެއެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ މަޝްރޫއުތައް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ.