އިޒްރޭލަށް ތެޔޮ ފޯރުކޮށްދިނުމާއި އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކަށް އީރާނުން ގޮވާލައިފިއެވެ.

އިރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކާ ހަވާލާދީ އިންގްލިޝް އަލްއަރަބިޔާއިން ބުނީ އީރާނުން މިގޮތަށް ގޮވާލާފައި ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިސްރުގެ ޖިއްދާގައި އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމުގެ އިތުރުން އިޒްރޭލުގެ ހުރިހާ ސަފީރުން ވެސް ވަގުތުން ވަގުތަށް ވަކިކުރަން ޖެހޭ ކަމަށް އީރާނުގެ ޙާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުލްހިޔާން ވަނީ ގޮވާލައްވާފައެވެ. އީރާނުގެ މި ގޮވާލުމާ އެކު ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ތިން އިންސައްތައަށް މަތިވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

"އަޅުގަނޑުމެން މިއަދު އެއްވެގެން މި ތިބީ ޒަޔަނިސްޓް ވެރިކަމުގެ އަމަލުތަކާ ދެކޮޅަށް އަމަލީ ފިޔަވަޅުތައް އެޅުމަށް،" އީރާނުގެ ޚާރިޖީ އިސް ވެރިޔަކު ފާހަގަ ކުރެއްވިއެވެ.

މި ކަމަށް އިޝާރާތްކުރައްވައި އަބްދުލްހިޔާނީ ވިދާޅުވީ އަމަލީ ފިޔަވަޅުތަކުގެ މާނައަކީ އިސްރާއީލާ އެކު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ މުސްލިމް ގައުމުތަކުން އެ ގުޅުން ވަގުތުން ވަގުތަށް ކަނޑާލުމެވެ. އަދި، އިޒްރޭލްގެ ސަފީރުން ފޮނުވާލައި އެ ގައުމަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމެވެ.

އަދި ހަނގުރާމަ ހުއްޓާލުމާއި ޒަޔަނިސްޓް ވެރިކަމުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް އޯއައިސީގެ މެންބަރު ގައުމުތަކުން އެއްބަސްވާ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

އިރާނަކީ އިސްރާއީލާ އެކު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމެއް ނޫނެވެ.

އދ. އަށް ފަހު އެންމެ ގިނަ ގައުމުތައް ބައިވެރިވެފައިވާ އޯއައިސީ އަކީ 57 ގައުމުގެ މައްޗަށް އެކުލެވޭ އޮގަނައިޒޭޝަނެކެވެ. ހަތަރު ބައްރުގެ މުސްލިމު ގައުމުތައް މެންބަރުންގެ ގޮތުގައި އޯއައިސީގައި ސައުދީ އަރަބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީ، ޔަމަން އަދި ކުވައިތު ފަދަ ގައުމުތައް ހިމެނެއެވެ.

ޔަހޫދީން އިސްރާއީލުން ފަލަސްތީނަށް އަމާޒުކޮށް ހަމަލާތައްދޭތާ 12 ދުވަސް ވެފައިވާއިރު، ފަލަސްތީނުން 3000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.