20 Oct 2023, 14:28
ރެއާލް މެޑްރިޑުގައި އެންމެ މަދުވެގެން ދިހަ އަހަރު ހޭދަކުރަން ބޭނުންވާ ކަމަށް އެ ކްލަބުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފިއެވެ.
މިސީޒަނުގައި ރެއާލްއާ ގުޅުނު ބެލިންހަމް ވަނީ މޮޅު ކުޅުމެއް ދައްކައި، މިހާތަނަށް އެޓީމަށް ދިހަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބެލިންހަމްއާއެކު ރެއާލްގެ އެޓޭކު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.
ރެއާލްގެ އިތުރުން ބެލިންހަމް ދަނީ އިނގިރޭސި ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 2-1 އިން އިޓަލީ ބަލިކޮށް، އިނގިރޭސީން އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން އެ މެޗުގައި އިންގްލެންޑަށް ޕެނަލްޓީއެއް ހޯދައިދީ، ބެލިންހަމް އެސިސްޓެއް ވެސް ހެދިއެވެ.
ބެލިންހަމް ދައްކަމުންދާ މޮޅު ކުޅުމާ ގުޅިގެން ޓީމުގެ ކުޅުންތެރިންނާއި އިދިކޮޅު ކުޅުންތެރިންގެ އިތުރުން ލެޖެންޑުން ވެސް ދަނީ އޭނާގެ ކުޅުމަށް ތައުރީފުކުރަމުންނެވެ. އުމުރުން 20 އަހަރުގެ ބެލިންހަމް ޕްރިމިއާ ލީގު ފެނިދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް، އޭނާގެ ވިސްނުމަކީ ދިގު މުއްދަތަކަށް ރެއާލްގައި މަޑުކުރުމެވެ.
"އަހަރެން މިވަގުތު މިހުރީ އުފަލުން. ކްލަބު އަދި ގައުމީ ޓީމުގައި ވެސް އަހަރެން ބޭނުންވާ ގޮތަށް ކުޅެން މިނިވަންކަން ލިބޭ. ބޮޑު ޓްރާންސްފާއާއެކު އަހަރެން ޖެހޭނެ ކްލަބަށް ގޯލެއް ނުވަތަ އެސިސްޓެއް ނުވަތަ ޓީމު މޮޅުވާނެ ފަދަ ކުޅުމެއް ދައްކަން. މިއީ ކުރިއަށްއޮތް 10 ނުވަތަ 15 އަހަރު ކުޅެން ބޭނުންވާ ކްލަބު،" 'ޗެނަލް 4'އަށް ދިން އިންޓަވިއުއެއްގައި ބެލިންހަމް ބުންޏެވެ.
މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލާ ބެލިންހަމް ގުޅުނީ 103 މިލިއަން ޔޫރޯގެ އަގަކަށެވެ. ރެއާލާ ގުޅުމުގެ ކުރިން ވެސް ބެލިންހަމްއަކީ އިނގިރޭސި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ވެސް ކުޅެފައިވާ ބެލިންހަމް، ސީނިއާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2020 ވަނަ އަހަރުއެވެ.