22 Oct 2023, 19:18
ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރާ މިސްކިތުގެ %80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް، އެހީގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން މިއަދު ބުނެފިއެވެ.
އައިއޭސީން މިއަދު ބުނީ، އެ މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ހިއްކުމުގެ މަސައްކަތާއި ބެކްފިލިންގް ކޮންކްރީޓް މަސައްކަތް އަދި ރޭނުން ވެސް ނިމިފައިވާ ކަމަށެވެ. ޖުމުލަ 1،100 މީހުންގެ ޖާގައިގެ މި މިސްކިތުގައި، ހަތަރު ފާޙާނާއާއި ވުލޫކުރާތަނެއް ހެދުމަށް ވަނީ ނިންމާފައެވެ.
މި މިސްކިތް އިމާރަތްކުރަން ހަމަޖެހިފައިވަނީ ތިން ފަންގިފިލާއަށެވެ.
މަސްޖިދުލް ޤުއްދޫސް ނަމަކަށް ކިޔުނު މި މިސްކިތަކީ ދިވެހީންގެ އެހީގައި ފަލަސްތީނުގައި ބިނާކުރެވިގެންދާ ފުރަތަމަ މިސްކިތެވެ.
ފަލަސްތީނުގައި މިހާރު ކުރިއަށްދާ އިންސާނީ ކާރިސާ ގެ ހަމަނުޖެހުންތަކުގެ ކުރިން ވެސް މި މިސްކިތް ބިނާކުރުމުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އައިއޭސީން ބުންޏެވެ.

މަސްޖިދުލް ޤުއްދޫސް ބިނާކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/އައިއޭސީ
ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މި މިސްކިތް ހިމެނޭ އަލްތުއްފާޙް އިރުމަތީ ޣައްޒާގެ ސަރަހައްދަކީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށް އައިއޭސީން ފާހަގަކުރިއެވެ. އެހެންނަމަވެސް، މި މިސްކިތަކަށް އަދި މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވެއެެވެ.
މި މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ދަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް އެ ގައުމަށް ބޮން އަޅަމުންނެވެ.
އެގޮތުން، މި ކާރިސާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 4000 އަށް ވުރެ އިތުރުވެފައެވެ. އެ ކާރިސާގެ ސަބަބުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް އެހީވާން ވެސް އައިއޭސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.