ރާއްޖޭގެ އެހެން އަތޮޅުތަކާ އަޅާ ބަލާއިރު، މާލޭގައި ވައިރަލް ފީވާއާއި، އެހެން ބަލިތައް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ ތިން ހަފުތާއާ އަޅާ ބަލާއިރު މި ހަފުތާ ޑެންގޫ ހުމާއި، އެކިއުޓް ގެސްޓްރޯއެންޓަރައިޓިސް (އޭޖީއީ، ޑައިރިއާ، ބަނޑުގައި ރިއްސުން)، ދަށްވެފައިވީނަމަވެސް އަދިވެސް ހުމާއި ރޯގާ މާލޭގައި ފެތުރޭ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އޮގަސްޓް މަހާ އަޅާ ބަލާއިރު މިދިޔަ މަހު އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، އޮގަސްޓު މަހު 30082 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ މަހު، 30568 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް އެޗްޕީއޭއިން ބުނީ އިންފްލުއެންޒާ ދަށަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން އޮގަސްޓް މަހު އިންފްލުއެންޒާގެ 58 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ މަހު މަހު ރިޕޯޓުކޮށްފައިވަނީ 41 ކޭހެވެ. އަދި މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ރިޕޯޓު ކޮށްފައިވަނީ އިންފްލުއެންޒާގެ 32 ކޭހެވެ.

އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ފަރުވާގެ ތެރޭގައި އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރާން އެޗްޕީއޭއިން ލަފާ ދެއެވެ.

މީގެ އިތުރުން ބަލީގައި މާ ބޮޑަށް ވަރު ދެރަވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.