މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރަށް ޚަރަދު ކުރުމަށް ޓަކައި، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާއިރު އެކަން ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބާކީ އޮތް ބަޔަށް ހަރަދު ކުރުމަށް ބަޖެޓަށް އިތުރު ކުރަން މި މަހުގެ 19 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 6.5 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް، އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ގޮތްތައް ގާނޫނުގައި ބަޔާން ކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީން އެކަން ކޮށްފައިވަނީ އެ އުސޫލުން ނޫން ކަމަށެވެ.

އެގޮތުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅިއިރު މާލިއްޔަތު ގާނޫނުގައި ބުނާގޮތަށް ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބާއި ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓްގެ ތަފްސީލް ހިމަނާފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ސަޕްލިމެންޓްރީ ބަޖެޓުގެ ޚަރަދުގެ ބޮޑުބައި ހިމަނާފައިވާ ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ޙާއްސަ ބަޖެޓުން ޚަރަދުކުރާނޭ ޕްރޮގްރާމްތަކުގެ ތަފްސީލު ވަކިވަކިން އެނގެން ނެތް،" އާޒިމްގެ ސިޓީގައިވެއެވެ.

އާޒިމް ވިދާޅުވީ މިއަހަރަށް ފާސްކޮށްދިން ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށްތޯ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުގެ ކުރިން މަޖިލީހުން ބަލައި ޔަގީން ކުރަން ޖެހޭ ކަމަށެވެ.

ގާނޫނުގައި ބުނާ މައުލޫމާތުތައް ނުހިމަނައި ފިނޭންސްއިން ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ގާނޫނުގައި ބަޔާން ކުރާފަދަ ބަޖެޓެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތަށް އޮތް ބަޖެޓެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއްޖެނަމަ އެކަން ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި، ތަކުރާރުވާން ހުޅުވިގެންދާ ޖާގައަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނުގައި ބުނާ މައުލޫމާތުތަކާ ނުލައި އެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށައެޅޭނެ ކަމަށް ނުދެކޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ މިއަދަށް ތާވަލް ކުރި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.