އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީން އިއްޔެ ބުނެފައި ވަނީ، އިތުބާރު ނެތް ރައީސަކު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އިންތިޚާބީ ރައީސް ކުރާ ހުވާ ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މިކަމާ ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ނަޝީދު މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެކަން އެމްޑީޕީން ވަނީ ކުށްވެރި ކޮށްފައެވެ.

ރިޔާސީ އާ ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ފުރުސަތު ނުދޭނެކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މި ބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަން ޖެހޭނީ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލާން ކެރިވަޑައިގަންނަވާ ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެން ނެތި ކުރިއަށް ގެންދަން ޖެހޭކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އިތުބާރު ނެތް ރައީސަކާއެކު އިންތިޚާބީ ރައީސް ކުރައްވާ ހުވާ ބަލައިނުގަންނާން އެމްޑީޕީން ނިންމުމުން ޑިމޮކްރެޓްސްއިން ވަނީ އެ ކަމަށް ފާޑު ކަޔައިފައެވެ.