27 Oct 2023, 13:30
އިނގިރޭސިވިލާތުގައި އަންހެނަކަށް، މެކްޑޮނަލްޑްސްގެ ''ހެޕީ މީލް''އެއްގެ ތެރެއިން ސިނގެރޭޓެއްގެ ބައެއް ފެނުމުން ބޮޑު މައްސަލައެއް އުފެދި، ތަހުގީގެއް ފަށަން ޖެހިއްޖެއެވެ.
އިނގިރޭސިވިލާތުގައި އަންހެނަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން އޭނާ ހެޕީމީލް ޕެކް ގަތީ އޭނާގެ ދަރިފުޅަށް ކާންދޭންވެގެންނެވެ.
އެ ޕެކް ގެއަށް ގޮސް ހުޅުވިއިރު، ފްރެންޗް ފްރައިސްތަކުގެ ތެރެއިން އަޅިތަކާއެކު އޮތް ސިނގެރޭޓް ބުރިއެއް ފެނުނު ކަމަށް ބުނެ އޭނާ ވަނީ އޭގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މިކަމާ ބެހޭ ގޮތުން ޝަކުވާ ކުރުމަށް އޭނާ މެކްޑޮނަލްޑްސްގެ އައުޓްލެޓަށް ގުޅުމުން އެތަނުގެ މުވައްޒަފަކު ވަރަށް ހަރުކަށިކޮށް ވާހަކަދެއްކުމަށް ފަހު ފޯނު ކަނޑާލީކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިހާދިސާއާއި ގުޅިގެން، އެ އައުޓްލެޓް ހިންގާ ފަރާތުން ބުނެފައިވަނީ ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުވައި ދިނުމަކީ، އެފަރާތުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
އެހެންކަމުން މިހާދިސާ ދިމާވި ފަރާތުން ކަސްޓަމާ ސާވިސްއަށް ގުޅައި ހާދިސާގެ މައުލޫމާތު ރިޕޯޓްކުރުމުން މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށްވެސް އެ ރެސްޓޯރެންޓުން ބުނެފައިވެއެވެ.