28 Oct 2023, 12:58
ސައުދީ އަރަބިއާގެ އަލް ގަދްސިއާގެ ކޯޗުކަމުގެ މަގާމުން ލިވަޕޫލުގެ ފުޓުބޯޅަ ލެޖެންޑް ރޮބީ ފައުލާ ވަކިކޮށްފިއެވެ.
ސައުދީގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ އަލް ގަދްސިއާގެ ކޯޗުކަމުން ފައުލާ ވަކިކޮށްފައި މިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކްލަބަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުން ދަނިކޮށެވެ.
ފައުލާގެ އިރުޝާދުގެ ދަށުން ލީގުގައި އަލް ގަދްސިއާއިން ކުޅުނު ފުރަތަމަ އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ލީގުގައި މި ވަގުތު އަލް ގަދްސިއާ ދެވަނައިގައި އޮތް އިރު، މިދިޔަ މަހުގެ އެންމެ މޮޅު ކޯޗަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.
އަލް ގަދްސިއާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކިންގް ކަޕް އޮފް ޗެމްޕިއަންސްގައި ސައުދީ ޕްރޯ ލީގުގައި ވާދަކުރާ އަލް ތާވޫން އަތުންނެވެ. އެ މެޗުން އަލް ގަދްސިއާ ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.
އަލް ގަދްސިއާގެ ކޯޗުކަމުގެ މަގާމުން ފައުލާ ވަކިކުރިކަން އިއުލާންކުރުމަށް ނެރުނު ބަޔާނުގައި ބުނީ ފައުލާއާ މަޝްވަރާކުރުމަށްފަހު އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އޭނާ ހޯދައިދިން ކާމިޔާބީއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ފައުލާގެ ބަދަލުގައި އަލް ގަދްސިއާގެ ކޯޗުކަމަށް ހަމަޖައްސާފައިވަނީ ސެވިއްޔާގެ ކުރީގެ ކޯޗު އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް މިޝެލް ގޮންޒާލޭޒްއެވެ. އޭނާ އެންމެ ފަހުން އިރުޝާދުދީފައިވަނީ ގްރީސްގެ އޮލިމްޕިއާކޯސްއަށެވެ.