29 Oct 2023, 14:16
ހަރުފައަކީ، ޢާއްމުގޮތެއްގައި ވަރަށް ގިނަ މީހުން ބިރުގަންނަ ޖަނަވާރެކެވެ. ބޭރު ޤައުމުތަކުގައި ޢާޢްމުން ދިރިއުޅޭ ހިސާބުތަކުންވެސް ހަރުފަ ވަރަށް ގިނައިން ފެނި، ބައެއް ފަހަރު މީހުންނަށް ބޮޑެތި އަނިޔާވެ، ފުރާނައަށް ވެސް ގެއްލުންވެއެވެ.
އޮސްޓްރޭލިޔާގެ އަންހެނަކު، ގޭގެ ސީލިންގް ތެރެއިން ބޮޑު ދެ ހަރުފަ ނެރޭތަން ދައްކާ ވީޑިއޯއެއް އިންޓަނެޓްގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ.
ނަތާން ސްޓެފޯޑް ކިޔާ މި މީހާ ޙިއްސާކޮށްފައިވާ މި ވީޑިއޯ މިހާތަނަށް ފަސް މިލިޔަނަށްވުރެ ގިނަ މީހުން ބަލައި، 70،000 މީހުން ވީޑިއޯއަށް ލައިކްކޮށްފައިވެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ މޭޒެއްގެ މައްޗަށް އަރައި ހުރެ، ދަނޑިއެއް ބޭނުންކޮށްގެން ބޮޑު ދެ ހަރުފަ ސީލިންގެ ތެރެއިން ނެރެއެވެ. އެއް ހަރުފަ ނެރެ އަތަށް އޮޅާލައިގެން އަނެއް ހަރުފަވެސް ސީލިންގެ ތެރެއިން ނެރޭތަން ވީޑިއޯއިން ފެނެއެވެ. ބޮޑު ދެހަރުފަ ނެރުމުގެ މަސައްކަތް އޭނާ ކުރަމުން ދިޔައިރު ހުރީ ވަރަށް ހަމަޖެހިގެންނެވެ.
މި ވީޑިއޯއަށް ކޮމެންޓް ކުރި މީހުންވެސް ވަނީ އަންހެން މީހާ، ހަރުފަތައް ނެރުމުގެ މަސައްކަތް ކުރިއިރު، އެހާ ހަމަޖެހިގެން ހުރުމުން އެކަން ފާހަގަކޮށްފައެވެ.
މީގެކުރިން ޢާއްމުވި މިފަދަ ވީޑިއޯއެއްގައި މެލޭޝިޔާގެ ގެއެއްގެ ސީލިންގް ތެރެއިން ވެސް ބޮޑު ތިން ހަރުފަ ފެނިފަވެއެވެ. އެ ގެއިން ހަރުފަތައް ނެރެފައިވަނީ ހަރުފަ ހިފާ ޓީމެއްގެ އެހީތެރިކަމާއެކުއެވެ.