30 Oct 2023, 09:01
އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެމުންދާ ހަމަލާތަކުގެ ސަބަބުން ނިކަމެތިވެ، ކާބޯތަކެއްޗާއި ފެން ވެސް ނުލިބޭ ހާލުގައި ތިބި ޣައްޒާގެ އެތައް ހާސް ބަޔަކު ޣައްޒާއަށް ފޯރުކޮށްދިން އިންސާނީ އެހީ ރައްކާކޮށްފައި ހުރި ގުދަންތަކަށް ވަދެ، ބޭނުންވާ ތަކެތި ހޯދަން ފަށައިފިއެވެ.
އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ، (އަންރުވާ)އާ ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާންމުން ވަނީ ބައެއް ގުދަންތަކުން ހަނޑުލާއި އެހެނިހެން ބައެއް ތަކެތި އަމިއްލައަށް ނަގައިގެން ގެންގޮސްފައެވެ.
"މިއީ ތިން ހަފުތާގެ ހަމަލާތަކަށް ފަހު މަދަނީ ނިޒާމު ރޫޅެން ފަށާފައިވާ ކަމުގެ ކަންބޮޑުވާ ނިޝާނެއް،" އުނުރްވާގެ ޣައްޒާގެ ވެރިޔާ ތޯމަސް ވައިޓް ވިދާޅުވިއެވެ.
މި މަހުގެ 21 ވަނަ ދުވަހު މިސްރުން ޣައްޒާއަށް ފޯރުކޮށްދޭން ފަށާފައިވާ އިންސާނީ އެހީ މެދުތެރޭގެ ރަށެއް ކަމަށްވާ ދީރް އަލް ބަލާހްގެ އެއް ގުދަނުގައި ރައްކާކޮށްފައިވާ ކަމަށް އެ އޭޖެންސީން ބުނެއެވެ.
"ޣައްޒާގެ މެދުތެރެއާއި ދެކުނު ސަރަހައްދުގައި ހުރި އަންރުވާގެ ބައެއް ގުދަންތަކަށާއި ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް އެތައް ހާސް ބަޔަކު ވަދެ ހަނޑުލާއި ފުށް އަދި ސާފުތާހިރުވާން ބޭނުންކުރާ ސާމާނު ފަދަ ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވަނީ ގެންގޮސްފައި،" އަންރުވާއިން މައުލޫމާތި ދިނެވެ.
އދ.އިން ބުނީ ހަމަލާތައް ދޭން ފެށި ފަހުން އެހީއާއެކު މިހާތަނަށް 84 އުޅަނދަށް ޣައްޒާއަށް ވަދެވިފައިވީ ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު 500 ޓްރަކް ޣައްޒާ ތެރެއަށް ވަދެވޭ ކަމަށްވެސް އދ.އިން ވަނީ ބުނެފައެވެ.

އެހީއަށް ބޭނުންޖެހިފައިވާ ޣައްޒާގެ އާންމުން ތަކެތި ގެންދަނީ -- ފޮޓޯ/ޑެއިލީ އެކްޕްރެސް
އިސްރާއީލުން ޣައްޒާއަށް ކުރިން ނުދޭފަދަ ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހަމާސްއިން މިމަހުގެ ހަތެއްގައި އިސްރާއީލަށް ދިން ކުއްލި ހަމަލާއަކާ ގުޅިގެންނެވެ.
ނަމަވެސް އިސްރާއީލުން ހަމާސްއާ ކުރަމުންދާ ހަނގުރާމައިގައި ދަނީ ޣައްޒާގެ އާންމުނަށްވެސް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ މި ލާއިންސާނީ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް ވަނީ 8000 މީހުން ޝަހީދުކޮށްލާފައެވެ. އެތައް ސަތޭކަ ބަޔަކު ޒަހަމްވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވެއެވެ.
އިސްރާއީލުން އަންނަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންނެވެ. ފެނާއި ކަރަންޓު ކަނޑާލާ އިއްޔެރޭ މުޅި ޣައްޒާއިން މުއާސަލާތީ ޚިދުމަތްވެސް ވަނީ ކަނޑާލާފައެވެ.