ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ދާން ނުޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވި ކަމަށް، އެ މަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ރޭ އެ ޕާޓީގެ މައި އޮފީހުގައި ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރެއްވައެވެ. އެ ބައްދަލުވުމުގައި އެ މަނިކުފާނަށް ވަފާތެރި ޕީޕީއެމްގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވައި ޑރ. ޖަމީލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށްވާން ވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.

ރޭ ޕީޕީއެމްގެ މެންބަރުންނާ ރައީސް ޔާމީން ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ޕީޕީއެމް

އެގޮތުން ޕާޓީގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އެއްފިކުރެއްގެ ދެ ޕާޓީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ،" ޔާމީން ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ޕީޕީއެމްގެ މެންބަރަކު ރޭ ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި އާ ސަރުކާރު ދަމަހައްޓަން މަސައްކަތް ކޮށްދެއްވަން ޔާމީން އެދިވަޑައިގެންފައިވާ ކަމަށާއި، މިހާރުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވައިލެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބައިވެރިވެފައެއް ނުވެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެން ކްރިމިނަލް ކޯޓުންވަނީ މިދިޔަ ޑިސެމްބަރު 25ގައި އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ ސަބަބުން އެ މަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނުލިބުނެވެ.

އެެހެންވެ، އެ ކޯލިޝަނުން ނިންމީ ޕީއެންސީންގެ ކެންޑިޑޭޓެއް ނެރުމަށެވެ. އެއާއެކު ޕީޕީއެމްގައި ހުންނެވި މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައި، ޓިކެޓް ކާމިޔާބުކުރެއްވިއެވެ. އެއަށްފަހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މަނިކުފާނު ފުރަތަމަ ވެސް އެދިވަޑައިގަތީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށެވެ.

ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް މިމަހުގެ އެކެއްގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް ބަދަލުކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު އެމަނިކުފާނުގެ ބަންދަށް ލުއިތަކެއްދީ، ސިއްހީ ފަރުވާއާ ގުޅުންހުރި ކަންތައްތަކަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަވަނީ ދީފައެވެ.

ރައީސް ޔާމީންގެ އާރަށު މައްސަލަ އޮތީ އިސްތިއުނާފީ މަރުހަލާގައި ހައިކޯޓުގައެވެ. އެ މައްސަލަ ނިމޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.

ޕީއެންސީ އުފެއްދީ، ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާއި ޕީޕީއެމްގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުން ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވުމުންނެވެ.