31 Oct 2023, 00:37
މާދަމާ ހެނދުނު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓު ހުށަހަަޅަން ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ "ސަން"އަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި އިތުރު މަސައްކަތެއް މަޖިލީހުން ނުކުރެވޭނެ ކަމަށް ބަންޑާރަނައިބު ވެސް ލަފާ ދެއްވާފައިވާތީ، މާދަމާގެ ޖަލްސާއަށް ހާޒިރުވެ ބަޖެޓު ހުށަނާޅާން މިނިސްޓަރު އަމީރު ނިންމަވާފައިވާ ކަމަށެވެ.
"ބަންޑާރަނައިބު ވެސް އެގޮތަށް ލަފާ ދެއްވާފައި ވާތީ އަދި އެމްޑީޕީގެ ޕީޖީން ވެސް އެގޮތަށް ނިންމާފައި ވާތީ، މިނިސްޓަރު ނިންމެވީ ބަޖެޓު ހުށަހަޅަން ނުދާން،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި، ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، މަޖިލީހުން ނިންމީ މާދަމައަށް ބަޖެޓުގެ ކަންކަން އެޖެންޑާ ކުރާށެވެ. އަދި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސްކޮށްލައި، ބުދަ ދުވަހަށް އެޖެންޑާ ކުރުމަށެވެ.
ނަޝީދުގެ މައްސަލައާ މެދު ގޮތެއް ނުނިންމަނީސް ބަޖެޓުގެ މަސައްކަތަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވަކިކުރަން މަޖިލީހުގައި 56 މެންބަރުން ތިއްބަވާ އެމްޑީޕީން ހުށަހެޅި މައްސަލަ އިއްޔެ ނޫން ކުރީ ދުވަހާއި އިއްޔެ ވެސް އެޖެންޑާ ކުރިއެވެ. އެކަމަކު، އީވާ ސަލާން ވިދާޅުވުމުން، އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.