31 Oct 2023, 21:51
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން އާ ސަރުކާރުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި ވާގޮތުން، ޕީއެސްއައިޕީ މަޝްރޫތަކަށް ކަނޑައަޅާފައި ވަނީ، 8.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އާ ސަރުކާރުގެ މަޝްރޫތަކަށެވެ.
އަންނަ އަހަރަށް ޕްލޭންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ ބޯހިޔާވަހިކަމަށް ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފުރަތަމަ މަސްތެރޭގައި ފަށާ ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކާ ނިންމުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނިވަޑައިގަންނަވާ ކަމެކެވެ.
މި ބަޖެޓުގައި މާލެއިން ބޭރަށް ހުށަހަޅާފައިވާ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅާލުމުގެ މަޝްރޫއެވެ. މި މަޝްރޫއަށް ހުށަހަޅާފައި ވަނީ 30 މިލިއަން ރުފިޔާއެވެ. މި މަޝްރޫއަކީ މުއިއްޒުގެ އިންތިޚާބީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އަންނަ އަހަރު ބޯހިޔާވަހިކަން ހިމެނޭ، ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތުގެ ބަޔަށް ޖުމްލަ 4.5 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އޭގެ ތެރޭގައި، ރިކަރަންޓު ޚަރަދަށް 2.5 ބިލިއަން އަދި ކެޕިޓަލް ހަރަދަށް 2.04 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މީގެ އިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުއަށް 286 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމެނެއެވެ.