އުރުދުންގެ ހާރިޖީ ވަޒީރާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ސައުދީ އަރަބިއްޔާ އަދި މިސްރުގެ ހާރިޖީ ވަޒީރުންނާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާ އެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އުރުދުން އިން ބުނެފިއެވެ.

އުރުދުންގެ ވެރި ރަށް އައްމާންގައި މިއަދު ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުމަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކުރެއެވެ.

އުރުދުންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސުފްޔާން ޤުދާހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އުރުދުންގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓް އެފެއާޒް އައިމަން އަލް ސަފާދީ އާއި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރާއި، ގަތަރާއި މިސްރާއި ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީއާއި، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާއެކު ބައްދަލުވުމެއް ބާއްވަން ނިންމަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން ގޮވާލައި، ޣައްޒާއަށް އިންސާނީ އެހީ އަވަސް ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރާނެ ކަމަށް ސުފްޔާން ވިދާޅުވިއެވެ. އަދި ހަނގުރާމަ ހުއްޓުވާނެ ގޮތްތަކާމެދުވެސް މަޝްވަރާކުރައްވާނެ ކަމަށް ސުފްޔާން ވިދާޅުވިއެވެ.