05 Nov 2023, 09:14
އެކްޓަރު އަބީޝޭކް ބައްޗަން އާއި ސައްޔާމީ ކޭރް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ގޫމަރު" މި މަހުގެ 10ވަނަ ދުވަހު ޒީ5ގައި ޕްރިމިއާ ކުރާނެކަން އިއުލާނު ކޮށްފިއެވެ.
މި ދެ ތަރިންގެ އިތުރުން ބަތަލާ ޝަބާނާ އަޒްމީ އަދި އެކްޓަރު އަންގަދު ބެދީ މުހިއްމު ރޯލްއިން ފެންނަ "ގޫމަރު"ގެ ވަރަށް ހާއްސަ ފެނިލުމަކުން އެކްޓަރު އަމީތާބް ބައްޗަން ވެސް ފެންނާނެއެވެ.
ފިލްމު "ޕާ"، "ޗީނީ ކަމް"، "ކީ އެންޑް ކާ" އަދި "ޕެޑް މޭން"ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ އާރް ބަލްކީގެ "ގޫމަރު" އަކީ ވަރަށް ތަފާތު ޙާދިސާ އެއް ބެލުންތެރިންނަށް ކިޔައިދޭ ފިލްމެކެވެ. ސައްޔާމީ ކޭރު މި ފިލްމުގައި ކުޅެފައި ވަނީ ހަޔާތުގައި ދިމާވާ އެކްސިޑެންޓެއްގައި ނުކުޅެދުންތެރިކަމާ ކުރިމަތިލާ މާޔޫސްވެފައި ވަނިކޮށް، ދިރިއުޅުމުގައި ކުރިޔަށްދިއުމަށް ޢަޒުމް ކަނޑައަޅާ އެކަމަށް މަސައްކަތްކުރާ ވަރަށް ހިތްވަރުގަދަ އަންހެނެއްގެ ރޯލްއިންނެވެ.
އަބީޝެކް ބައްޗަން ކްރިކެޓު ކޯޗެއްގެ ރޯލް ކުޅެފައިވާ މި ފިލްމަކީ، މި އަހަރުގެ އޮގަސްޓް މަހު އޮސްޓްރޭލިއާގެ މެލްބޯންގައި ބޭއްވުނު 14ވަނަ އިންޑިއަން ފިލްމު ފެސްޓިވަލުގައި ޕްރިމިއާކޮށް ވަރަށް ގިނަ ބައެއްގެ ތަޢުރީފު ލިބުނު ފިލްމެކެވެ. މި ފިލްމު އިންޑިއާގެ ތިއޭޓަރުތަކުގައި ދައްކަން ފެށީ ހަމަ އެ މަހުގެ 18ވަނަ ދުވަހުން ފެށިގެންނެވެ.

ފިލްމު 'ގޫމަރު'ގެ ތަރިން މެލްބޯން ފިލްމު ފެސްޓިވަލުގައި
ފިލްމުގެ ޑިޖިޓަލް ރައިޓްސް ގަތުމަށްފަހު ޒީ5އިން ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ފަރާތްތަކަށް މި ފިލްމުން ވަރަށް ރަގަޅު ޢިބުރަތެއް ހާސިލުކުރެވި ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.
ހަމަ އެއާއެކު ފާހަގަކޮށްލެވޭ ޕާފޯމަންސްތަކާއި ހިތްވަރާއި ކެތްތެރިކަމުގެ ވަރުގަދަ މެސެޖަކާއެކު މި ފިލްމަކީ ބެލުންތެރިންނާ ގުޅުވާލާނެ ފިލްމަކަށް ވާނެކަމުގެ ޔަޤީންކަން އެ ޕްލެޓްފޯމްއަށް އެބައޮތް ކަމަށް ވެސް ޒީ5ގެ ޗީފް ބިޒްނަޒް އޮފިސަރު ވަނީ ބުނެފައެވެ.