ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށްނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް, ދަ ޑިމޮކްރެޓްސްއިން ޕާޓީއެއްގެ ގޮތުގައި ތަދައްޚުލުވާން އެ ކޯޓަށް ހުށަހެޅި ހުށަހެޅުން ކޯޓުން މިރޭ ބަލައިގެންފިއެވެ.

މުޅި ޕާޓީން އެ މައްސަލައިގައި ތަދައްޚުލުވާން ހުށަހެޅީ ވަކިވަކި މެންބަރުންނަށް އެ މައްސަލައިގައި ތަދައްޚުލު ނުވެވޭނެ ކަމަށް ކޯޓުން އެންގުމުންނެވެ.

މިއަދު ހަވީރު އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕާޓީން ތަދައްޚުލުވާން ހުށަހަޅަން ނިންމީއެވެ.

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވަނީ އެ ބައްދަލުވުމަށް ގަރާރެއް ހުށަހަޅައިފައެވެ.

އެ ގަރާރުގައި ވަނީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޑިމޮކްރެޓުންގެ ވެސް ހައްގު ހިމެނޭ ކަމަށެވެ. އަދި އެ މައްސަލަ ނިމޭ ގޮތަކުން އެ ޕާޓީއަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ.

މި މައްސަލައިގައި ޑިމޮކްރެޓުންގެ ފަރާތުން ވަކާލާތުކުރާނީ ޕާޓީގެ އިންޓެރިމް ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަނޑައަޅުއްވާ ބޭފުޅެކެވެ.

އެ މައްސަލައިގެ ތެރެއަށް ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ތަދައްޚުލްވެފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ 10:00 އާއި 12:00 އާ ދެމެދުގައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު، މިދިޔަ އާދިއްތަ ދުވަހަށް ތާވަލު ކުރި ނަމަވެސް އެ ހަފުތާ އެއްކޮށް ނައިބު ރައީސް އީވާ އަބްދުﷲ ހުންނެވީ ސަލާމުގައެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ. އެމްޑީޕީން މައްސަލަ ކޯޓަށް ހުށަހެޅީ އެހެންވެއެވެ.

އެކަމަކު، އެ މައްސަލަ ކޯޓުގައި އޮއްވައި ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އީވާ މިއަދު ވަނީ މަޖިލީހުގެ އިދާރާއަށް އަންގައިފައެވެ.

އެހެންވެ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެން ތާވަލު ކުރެވޭނެ ދުވަހެއް އަދި ނޭނގެއެވެ.