ގައުމީ ޔުނިވާސިޓީ އެމްއެންޔޫއިން ހޯސްޓް ކޮށްގެން ރާއްޖޭގައި ކްރިއޭޓިވް އައިލެންޑްސް ފޯރަމް މިއަދު ފަށައިފިއެވެ.

މި ފޯރަމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި އިގްތިސާދި ގޮތުން ކުރިއެރުމަށް ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެ ކަންކަން ކޮށް އިގްތިސާދު ކުރިއަރުވާނެ ގޮތް ކިޔައިދޭ ފޯރަމެކެވެ. މި ފޯރަމް މިއަދާއި މާދަމާއާ އެކު ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެއެވެ.

މި ފޯރަމް ފަށަން މިއަދު މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޝެހެނާޒް އާދަމް ވިދާޅުވީ މި ފޯރަމް ހޯސްޓު ކުރުމުގެ ފުރުސަތު ލިބުމަކީ އެމްއެންޔޫއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މީގެ އިތުރަށް މި ފޯރަމްގައި ވާހަކަދެއްކެވި ސްޓަފޯޑްޝަޔާ ޔުނިވާސިޓީގެ ޕީޓާ ރަޖް މި ފޯރަމާ ގުޅޭ ގޮތުން 'ސަން'އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ އެ މީހުން ކުރާ މަސައްކަތަކީ ރާއްޖެ ފަދަ ޓޫރިޒަމް ސެކްޓާ ބޮޑުކޮށް އޮތް ގައުމެއްގައި، ޑިޖިޓަލް އިންޑަސްޓްރީއެއް ފަށައިގަތުމަށް އެހީވުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ކްރިއޭޓިވް އައިލެންޑްސް ފޯރަމްގެ އެހީގައި ކުރާ މަސައްކަތަކީ ރާއްޖެ ފަދަ އެންމެ ސެކްޓާއަކަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމެއްގައި އިގްތިސޯދު ފުޅާ ކުރަން މަސައްކަތްތަކެއް ކޮށްދިނުން ކަމަށެވެ.

މިއަދު މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ކްރިއޭޓިވް އައިލެންޑް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އަދި، މީގެ އިތުރަށް އޭނާ ވިދާޅުވީ ރާއްޖެ އަކީ ވަރަށް ބޮޑަށް ޓޫރިޒަމް ސެކްޓާ އޮންނަ، ޓޫރިޒަމްގައި ވަރުގަދަ ބްރޭންޑަކަށް ވެފައި އޮންނަ ތަނަކަށް ވުމުން، އިންޑަސްޓްރީ 'ރީޕްލޭސް' އެއް ނުވާނެ ކަމަށެވެ.

އެހެންވެ، ޑިޖިޓަލް ސެކްޓާ ފަތުރުވެރިކަމާ އެކު ބޭނުންކޮށް އިގްތިސޯދު ފުޅާ ކުރެވޭނެކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ދެ ދުވަހަކަށް މި ފޯރަމް ދިގު ދެމިގެން ދާއިރު ތަފާތު ދާއިރާތަކަށް މި ފޯރަމްގައި އަލިއަޅުވައިލާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އެގޮތުން، ކްރިއޭޓިވް އިގްތިސާދެއް ރާއްޖޭގައި ބިނާ ކުރާނީ ކިހިނެތްތޯއާއި، އެންޓަޕްރިނިއަލް އިކޯސިސްޓަމެއް ބިނާ ކުރާނެ ގޮތާއި، އިގްތިސޯދު ބިނާ ކުރުމަށް ޓެކްނޮލޮޖީ ބޭނުން ކުރާނެ ގޮތުގެ އިތުރުން އަދިވެސް އިތުރު ކަންކަމަށް މި ފޯރަމްގައި އަލިއަޅުވައިލާނެއެވެ.