08 Nov 2023, 08:58
މި ދިޔަ ހޮނިހިރު ދުވަހު ޢުމުރުން 52 އަހަރު ފުރުނު ބޮލީވުޑްގެ ބަތަލާ ތައްބޫ އަކީ ޙަޔާތުގައި ބައިވެރިއެއް ނެތް ނަމަވެސް ކޮންމެ ދުވަހެއް ވެސް ވަރަށް އުފަލާއެކު ހިތްހަމަޖެހިގެން ނިންމާލާ ފަރާތެއް ކަމަށް އޭނާ ބުނެފިއެވެ.
މިހާތަނަށް ޒަވާޖީ ޙަޔާތެއް ފަށާފައި ނުވާ ތައްބޫއަކީ މިއަދާ ހަމައަށްވެސް ފިލްމީ ކެރިއަރުގައި ސާބިތުކަންމަތީ ދެމިހުރި ހިތްވަރުގަދަ ބަތަލާއެކެވެ.
ޢުމުރަށް ބެލުމެއްނެތި ތައްބޫ އަންނަނީ ފިލްމަކަށް ފަހު ފިލްމެއް ސިނަމާއަށް ދޫކުރަމުންނެވެ. މިއިން ކޮންމެ ފިލްމަކީ ވެސް އެއް ފިލްމު އަނެއް ފިލްމަށް ވުރެ ތަފާތު އެހާމެ މޮޅު ވާހަކައެއް އޯޑިއަންސަށް ހުށަހަޅައިދޭ ފިލްމުތަކެކެވެ.
ހައިރާންވާންޖެހޭ ކަމަކީ ޢުމުރުން ދުވަސްވީ ނަމަވެސް ތައްބޫ މިހާތަނަށް އެއްވެސް ލީޑް އެކްޓަރެއްގެ މަންމައެއްގެ ރޯލްއިން ނުފެންނަ ކަމެވެ. ތައްބޫ ދެކޭގޮތުގައި ޢުމުރުގެ ވަކި ހިސާބަކަށް ވާސިލުވުމަކީ އަދި އެކްޓަރުންގެ މަންމައެއްގެ ރޯލް ކުޅުމަށް ބަތަލާއިން ޝަރުތު ހަމަވީކަމަށް ބަލައިގެން ނުވާނެއެވެ.
ބަތަލާ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ކެރިއަރުގެ ކާމިޔާބު ފިލްމު "ދްރިޝްޔަމް"ގެ ސީރީސްތަކުގައި ތައްބޫ ފެނިފައިވަނީ ޒުވާން ފިރިހެން ކުއްޖެއްގެ މަންމަގެ ރޯލްއިންނެވެ.

ތައްބޫ އެކްޓަރު ސަންޖޭ ކަޕޫރާއެކު
އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ހިންދުންސްތާނު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ތައްބޫ ބުނީ ޙަޔާތުގެ ބައިވެރިއެއް ނެތުމުން އެ ފަޅުކަން އިހުސާސް ކުރެވޭތޯ އެއީ ވަރަށް ގިނަ ފަރާތްތަކުން ކުރާ ސުވާލެއް ކަމުގައެވެ.
ތައްބޫގެ ސަޕޯޓަރުން އެކަމާ ކަންބޮޑުވާ މިންވަރު އިހުސާސް ކުރެވޭކަމަށާއި އެހެންނަމަވެސް ޙަޔާތުގައި އުފަލުގައި ހުންނަން ކޮންމެހެން ކައިވެންޏެއް ކޮށް ޙަޔާތުގައި ބައިވެރިއެއް ހުރުން ލާޒިމު ނޫންކަމަށް ތައްބޫ ވަނީ ބުނެފައެވެ.
ކައިވެންޏާ މެދު ތައްބޫގެ ނަޒަރިއްޔާތު ވަރަށް ތަފާތުކަމަށް ޤަބޫލުކުރެވޭ ކަމަށާއި ނަމަވެސް އާއިލާއާއި ގާތް ރަޙްމަތްތެރިންނާއެކު ބަތަލާ އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއްގައި ކަމަށް ފިލްމު "ބޫލް ބުލައްޔާ2"ގެ އެކްޓަރު ވަނީ ބުނެފައެވެ.
ކޮންމެ މީހަކަށް ވެސް ގިނިކަންޏާ ދިރިއުޅުމުގައި އުފަލާއެކު ދުވަސްތައް ހޭދަކުރެވިދާނެ ކަމަށާއި ނަމަވެސް ގޯސް ބައިވެރިއަކާއެކު ކޮންމެވެސް ކަހަލަ އެކަނިވެރިކަމަކަށް މަގުފަހިވެދާނެ ގުޅުމަކަށް ފުރުސަތު ދޭން ތައްބޫ އަދި ތައްޔާރު ނޫންކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ތައްބޫ އެކުވެރި އަޖޭ ދޭވްގަން އަދި ސައުތު އެކްޓަރު ނާޖަރުޖުނާ އާއެކު
ޒުވާންކަމަށް ބަދަލެއް ނާންނަ ބަތަލާ މިހާތަނަށް ލޯބީގެ ގޮތުން ތިން ފަރާތަކާ ގުޅުނުކަމުގެ އަޑު ފެތުރުނު ނަމަވެސް އެ ގުޅުންތަކާ ބެހޭގޮތުން މިހާތަނަށް ތައްބޫ އެއްވެސް ސިފައެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ. އެއީ ތައްބޫ އާއެކު ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު ސަންޖޭ ކަޕޫރު، މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އަދި ސައުތު އެކްޓަރު ނާގަރުޖުނާއެވެ.
އެކްޓަރު އަޖޭ ދޭވްގަންއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބަތަލާ ބުނެފައިވަނީ އަޖޭ ދަންނަތާ މިހާރު 25ހަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށާއި ތައްބޫގެ ހަޔާތުގައި ބައިވެރިއެއް ނެތުމުގެ ޒިންމާވާ ނަގަންޖެހޭ ފަރާތަކީ އަޖޭ ކަމަށެވެ. އަޖޭ އަކީ ބަތަލާގެ ކުޑައިރުއްސުރެ ވެސް ގާތް ރަޙްމަތްތެރިއަކަށްވެފައި ފުރާވަރަށް އަރަމުން އައި ދުވަސްވަރު ތައްބުއާ ފިރިހެން ކުއްޖަކު ދިމާކޮށްލިޔަސް އަޖޭ އެ ކުއްޖަކަށް ބިރު ދައްކާ ފައްސާލާ ކަމަށް ތައްބޫ ވަނީ ބުނެފައެވެ.
އޭގެ ފަހުން އަޖޭއާ ހެދި ތައްބޫ އުޅޭ ހިސާބަށްވެސް ފިރިހެން ކުއްޖަކު ނާންނަ ކަމަށް ތައްބޫ ވަނީ ބުނެފައެވެ. ބަތަލާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަޖޭއާއެކު މަސައްކަތް ފަށާފައިވާ ފިލްމު "އޯރޯ މޭން ކަހާ ދަމް ތާ" އަދި ރެއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ"އިންނެވެ.