ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތައް ހުއްޓުމުވުމުގެ ބާރެއް އަދި ފައިސާއެއް ވެސް އދ.ގައި ނެތް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭޝް ވިދާޅުވެއްޖެއެވެ.

ފަލަސްތީން ކްރޮނިކަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގުޓަރޭޝް މިހެން ވިދާޅުވީ ރޮއިޓާސްއިން އިންތިޒާމްކޮށްގެން ނިއުޔޯކުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ އަތުގައި ބާރެއް، ފައިސާއެއް ނެތް، އެކަމަކު ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އެއްވެގެން މައްސަލަ ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދަން މަސައްކަތްކުރެވޭނެ," ގުޓަރޭޝް ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް ލީބިއާއިން ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މަންދޫބު ތާހިރު އެލްސޮނީ ވިދާޅުވެފައިވާ ގޮތުގައި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ޒިންމާ ނަގުވައި ފިޔަވަޅު ނާޅައިފިނަމަ، ދެން ފެންނާނީ 1990ގެ އަހަރުތަކުގައި ރުވާންޑާއަށް ވީގޮތް ޣައްޒާއަށް ވެފައިއޮތް ތަނެވެ.

ރުވާންޑާގެ ރައީސް ހަބްޔާރިމާނާ ދަތުރުކުރެއްވި މަތިންދާ ބޯޓަކަށް ދިން ހަމަލާގެ ފަހުން ހަރުކަށި ފިކުރުގެ ހޫތޫން ރުވާންޑާގެ ޓޫސީއާ ދެކޮޅަށް ހަމަލާތައް ދިނެވެ. އެގޮތުން 1994 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރުވާންޑާގައި ވަނީ ގަތުލުއާންމުތައް ހިންގާފައެވެ. މިއީ ޓޫސީންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ހަމަލާތަކެއް ކަމަށް ބައިނަލްއަގުވާމީ ދުނިޔެއިން ވަނީ ބަލައިގެންފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 10،569އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 4،324 ކުޑަކުދިންނާއި 2،823 އަންހެނުން ހިމެނެއެވެ.

ޔަހޫދީ އިސްރާއީލުން މުޅި ޣައްޒާ ވަށާލާފައިވާއިރުވެސް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އަންނަނީ އިސްރާއީލުން ފަހަތަށް ޖައްސަމުންނެވެ. އަސްކަރީގޮތުން ލިބޭ ނާކާމިޔާބު ފޫބެއްދުމަށް އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމު ރައްޔިތުންނަށާއި އެމީހުންގެ ގެދޮރަށް ހަމަލާދީ މީހުން ޝަހީދުކުރަމުންނެވެ.