މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންދިއުމަށް ސްޕެއިންގެ ރެއާލް ބެޓިސްއިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ކޮންޓްރެކްޓު ހަމަވުމާ އެކު އުމުރުން 33 އަހަރުގެ ޑެހެއާ، ޔުނައިޓެޑް ދޫކޮށްލިތާ މިހާރު ފަސް މަސް ދުވަސް ވަނީ ވެފައެވެ. މިހާރު ވެސް ޑެހެއާ ބޭނުން ނަމަ، އޭނާއަށް ބޭނުން ކްލަބަކާ ގުޅުމުގެ ފުރުސަތު އޮންނާނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިނގިރޭސިވިލާތުގައި 13 އަހަރު ހޭދަކުރުމަށް ފަހު، މިހާރު ޑެހެއާ ބޭނުންވަނީ ސްޕެނިޝް ލަަލީގާގައި ވާދަކުރާ ކްލަބަކަށް ކުޅުމަށެވެ. އަދި, ރެއާލް ބެޓިސްއިން މިހާރު ޑެހެއާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެޓިސްއިން ޑެހެއާ ގެންދިއުމަށް މަސައްކަތް ކުރަނީ އެ ކްލަބުގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ހުރި ރުއި ސިލްވާ އެހެން ކްލަބަކާ ގުޅުމަށް ވާހަކަތައް ދެކެވެމުންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިލްވާ އެ ކްލަބު ދޫކޮށްލައިފި ނަމަ، ބެޓިސްއަށް ދެން ބޭނުންކުރަން ހުންނާނީ 40 އަހަރުގެ ކީޕަރު ކްލައުޑިއޯ ބްރާވޯއެވެ.

މި ސީޒަނުގައި ބެޓިސްއިން ވަނީ ކްލަބެއް ނެތް ސްޕެއިން މިޑްފީލްޑަރު އިސްކޯގެ ސޮއި ވެސް ހޯދައިފައެވެ. މީގެ ކުރިން ރެއާލް މެޑްރިޑުގައި ވިދާލި އިސްކޯ، ބެޓިސްގައި މޮޅު ކުޅުމެއް ދައްކަމުންދާ އިރު، ބެޓިސްއިން ބޭނުންވަނީ ޑެހެއާގެ ޓްރާންސްފާގައި ވެސް "އިސްކޯ ފޯމިއުލާ" ބޭނުންކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.