10 Nov 2023, 13:21
ހުއްޓުމެއްނެތި އެންމެ ގިނައިރު ކެއްކުމުގެ ރެކޯޑް އަޔަލެންޑްގެ މީހަކު ހޯދައިފިއެވެ.
ޖަޕާނުގައި ދިރިއުޅޭ އަޔަލެންޑްގެ ޝެފެއް ކަމަށްވާ އެލަން ފިޝާ ވަނީ، ޖަޕާނުގައި އޭނާ ހުޅުވާފައިވާ އައިރިޝް ތީމްގެ ރެސްޓޯރަންޓްގައި ހުއްޓާނުލާ 119 ގަޑިއިރާއި 57 މިނިޓް (ގާތްގަނޑަކަށް ފަސް ދުވަސް) ވަންދެން ކައްކާފައެވެ.
އެންމެ ގިނައިރު ވަންދެން ކެއްކުމުގެ ރެކޯޑް ދާދި ފަހުން ހޯދާފައިވަނީ، ނައިޖީރިއާގެ މީހެއްކަމަށްވާ ހިލްޑާ އެފިއޮންގް އެވެ. އޭނާގެ ރެކޯޑަކީ މެދުކެނޑުމެއްނެތި 100 ގަޑިިއިރު ކެއްކުމެވެ.
މިރިކޯޑް މުގުރާލައި، ގިނިސް ވާލްޑް ރިކޯޑް ފޮތުން ޖާގަ ހޯދި ފިޝާ ވަނީ އިތުރު ރެކޯޑެއް ވެސް ގާއިމްކޮށްފައެވެ.
އޭނާ ވަނީ އެންމެ ގިނައިރު ވަންދެން ބޭކްކުރުމުގެ ދުނިޔޭގެ ރެކޯޑްވެސް ގާއިމްކޮށްފައެވެ. ގިނިސް ވާލްޑް ރެކޯޑުން ދޭ ލޯންގެސްޓް ބޭކިން މެރެތަންގެ ރެކޯޑް ފިޝާއަށް ލިބުނީ ހުއްޓާނުލާ 47 ގަޑިއިރާއި 21 މިނިޓް ބޭކްކުރުމުންނެވެ.
ބޭކްކުރުމުގެ ރެކޯޑް ކުރިން އޮންނަނީ އެމެރިކާގެ މީހެއް ކަމަށްވާ ވެންޑީ ސޭންޑްނާ އަތުގައެވެ. އެއީ 31 ގަޑިއިރާއި 16 މިނިޓުގެ ރެކޯޑެކެވެ.
ގިނިސް ވާލްޑް ރެކޯޑްގެ ދެ ރެކޯޑް ގާއިމްކުރެވުމުން އެކަން ފާހަގަކޮށް ފިޝާ ވަނީ މިއީ ވަރަށް ގިނަ ރޭ ހޭލާ ހުރެ، ވިޔަފާރި ދެމެހެއްޓުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކޮށްފައެވެ. އަދި މިއީ އަޔަލެންޑުގެ ކާނާއަށް ޖަޕާނުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލިބުނު ފުރުސަތެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.