މި ދުވަސްކޮޅު ފޭސްބުކަށް ވަދެފި ނަމަ މުޅި ފީޑުން ފެންނަނީ އެއް ވާހަކައެވެ. އެއީ އެންމެންގެ ކުޑައިރު ހަނދާން ކޮށް ކޮންމެވެސް ޖީލެއްގެ ވާހަކައެވެ. މި އެންމެން ފޭސްބުކްގައި މި ދައްކަނީ ކޮން ޖީލެއްގެ ވާހަކައެއް ހެއްޔެވެ؟

"އަހަރެމެން ޖީލުގައި..." މިފަދަ ގޮތަކަށް ފަށައި އެތައް ބަޔަކު އަންނަނީ ފޭސްބުކް ގައި ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. އެއް ބަޔަކު މި ވާހަކަތައް ދައްކަމުން އަންނަނީ ފޮޓޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މި "ޖީލު"ގެ ވާހަކަ މި ރައްދު ވަނީ އެތައް ބައެއްގެ ކުޑަ އިރުގެ ހަނދާން ތަކާ ގުޅުވައިގެން ދައްކާ ވާހަކަތަކަށެވެ. އެގޮތުން ކުޑައިރު ކޮށް އުޅުން ކަންތައްތަކަށް ނިސްބަތް ކޮށް އެ ދުވަސްވަރަކީ ވަކި ބައެއްގެ ޖީލުގެ ވާހަކަ ކަމުގައި ބުނެއެވެ.

އަދި ކޮންމެ އުމުރަކާ ގުޅިގެން އެބައެއްގެ ޖީލުގެ ތަޖުރިބާތައް ތަފާތުވާ މިންވަރު މި ވާހަކަތަކުން އެބަ އެނގެއެވެ. އެގޮތުން ވިހީގެ އަހަރުތަކުގައި އުޅޭ ޒުވާނުން އެތައް ބައެއްގެ ތަޖުރިބާ ތަކަކީ މިހާރުގެ ފުރާވަރު އުމުރުގެ ކުދީންގެ ތަޖުރިބާތަކާ ވަރަށް ތަފާތުވާ ވާހަކަތަކެކެވެ.

އެގޮތުން އެއް ބަޔަކު ކިޔައިދެނީ އެމީހުންގެ ޖީލަކީ ސްކޫލު ކަޓުވާލާފައި ފިލައިގެން ކުޅެން ދާ ދުވަސްވަރުގެ ޖީލު ކަމަށެވެ. އެ ދުވަސްވަރުގެ ތަޖުރިބާ އަކީ މިހާރުގެ ފުރާވަރު އުމުރު ކުދިންނަށް އެންމެ އެއްގޮތް ތަޖުރިބާއަށް ނުވެދާނެއެވެ.

..

އޭގެ އިތުރުން މިސްކިތަށް ދިޔަ އިރު ބޮލުގައި ފޮށާ އެޅުމާއި ގިފިލިން ފެންވެރި ޖީލުގެ ވާހަކަތައް ވެސް އެތައް ބަޔަކު އަންނަނީ ކިޔައިދެމުންނެވެ. މިއީ އެކި މީހުންގެ ކުރީގެ ތަޖުރިބާއެވެ.

ޖީލުގެ ވާހަކަ މި ދައްކަނީ ކުރީގައި ކުރަމުން ދިޔަ ނަމަވެސް މިހާރު ނުކުރާ ނުވަތަ އާންމުކޮށް ނުފެންނަ ކަމަކަށް ބިނާ ކޮށެވެ.

ކޮންމެއަކަސް މުޅި ފޭސްބުކް ފީޑް ފުރިފައި އޮތީ މި ވާހަކަތަކުންނެވެ. އެންމެންވެސް ހަނދާން އާކުރަމުން ދަނީ ކުރީގެ މަޖާ ތަޖުރިބާ ތަކެވެ.

ނަމަވެސް މިހާރުވެސް އެއްބަޔަކު ތިބީ މިކަމާ ވަރަށް ރުޅި ގަދަ ވެފައެވެ. އަބަދު ޖީލެއްގެ ވާހަކަ ދައްކާތީ އެކަމާ ރުޅި އައިސްފައި ތިބި މީހުން ވެސް ވަކި މަދެއް ނޫނެވެ. އަދި ޖީލުގެ ވާހަކަ ނުދެއްކުމަށް ވެސް އެއްބަޔަކު އެބަ ގޮވައެވެ.