11 Nov 2023, 15:14
ރާއްޖޭގައި ގައިމްވެ ތިބި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަކީ މަގުމަތިން ވާނެކަމެއް ނޫން ކަމަށާއި، އެކަން ކުރަން ބޭނުންވަނީ ސުލްހަވެރިކޮށް މަޝްވަރާގެ ތެރެއިން ހައްލެއް ހޯއްދަވައިގެން ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، މިއަދު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ސުލްހަވެރިކަމާ އެކު މަޝްވަރާކޮށް އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ކުރައްވާނީ ދެ ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކަށް ކަމަށެވެ.
"ރާއްޖެއަށް ވެސް އިންޑިއާއަށް ވެސް އެންމެ ފައިދާ ކުރުވަނިވި ގޮތަކަށް [އެކަން ކުރާނީ]. އެއީ އަޅުގަނޑުމެންނާއި އިންޑިއާއާ މިއީ ދުރު ނުކުރެވޭނެ ގާތް ދެގައުމު. އަޅުގަނޑުމެންނަށް އެތައް އެހީތެރިކަމެއް މީގެ ކުރިން ވެސް ފޯރު ކޮށްދީފައިވާ ގައުމެއް އެއީ. އަދި މިހާރު ވެސް ފޯރުކޮށްދެމުން ދަނީ،" ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން އޮންނާނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިގްތިޞާދީ ސިޔާސަތުގެ ސަބަބުން އުފެދިފައިވާ މައްސަލަތައް ނޫން މައްސަލައެއް އިންޑިއާއާއެކު ނެތް ކަމަށެވެ.
ސަރުކަރު ބަދަލުވުމުގެ މަރުހަލާގައި ވެސް އިންޑިއާ ސަފީރާ ދެފަހަރު ބައްދަލުކުރެއްވިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، ވަރަށް ގިނަ ވާހަކަތަކެއް ދެކެވިއްޖެ ކަމަށެވެ. އަދި އިންޑިއާއިން ވެސް ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ގަބޫލު ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ވަކި އިންޑިއާ ވެގެން ވާކަމެއް ނޫން. އިންޑިއާ ވިއަސް މިތާ ތިބީ އެހެން ގައުމެއްގެ ސިފައިން ވިއަސް ރައްޔިތުން އޮތީ ނިންމާފައޭ މިތާނގަ އެއްވެސް ގައުމެއް ސިފައިން ތިބެން ބޭނުން ނުވާކަން. އެއީ ކޮންމެ ބޭނުމެއްގައި ކަމަށް ވިއަސް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މައްސަލަ އުޅެނީ އިންޑިއާއާ ނޫން ކަމަށާއި ދިވެހީން ބޭނުންވަނީ އެއްވެސް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބުން ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ވަރަށް އަވަހަށް ފެށި ކާމިޔާބު ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ވެސް އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި އިސްކުރައްވާނީ ރާއްޖެއަށްކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
ޕީޕީއެމްއިން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ވަނީ "އިންޑިއާ އައުޓ"ގެ ނަމުގައި ކެމްޕެއިނެއް ފައްޓަވާފައެވެ.
އެމަނިކުފާނު ވަނީ އިންޑިއާ އައުޓް ޖެއްސެވި ޓީޝާޓް ތުރުކުރައްވާ ސަޕޯޓަރުންނާ އެކު މަގުތަކަށް ނުކުމެ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް އަޑު އުފުލާފައެވެ. ނަމަވެސް ފަހުން މި ހަރަކާތް މަޑު ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރަކާ ގުޅިގެންނެވެ.