11 Nov 2023, 23:54
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
މިނިސްޓަރު ޝާހިދު މިކަމަށް ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިއަދު ފެށި ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަމިޓަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭކަމުގައި ވިދާޅުވިއެވެ.
އަދި ޣައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާ ދިއުމަށް އިޝާރާތްކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފަށް މުޅި ޣައްޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ފަލަސްތީނާއި، މުޅި މެދު އިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރެވެން އޮތީ، ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ޣައްޒާއާއި އަލްޤުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ ޢަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ޤަރާރާއެކުގައެވެ. މި ޤަރާރަކީ އިސްރާއީލުގެ ޣައިރު ޤާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.
ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ ޢަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާއިން ބާއްވާ ސަމިޓެކެވެ.
ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖެ، 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން އަންނަނީ އެޖަމިއްޔާގެ މެންބަރު ގައުމުތަކާ ގުޅިގެން އެޖަމިއްޔާގައި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.