12 Nov 2023, 20:45
އިންގްލިޝް ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އާސެނަލް އަރައި ހަމަކޮށްފިއެވެ.
އާސެނަލުން ސިޓީއާ އަރާ ހަމަކުރީ މުބާރާތުގައި ރޭ ބާންލީ އާއި ބައްދަލުކުރި މެޗު 3 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ބާންލީން ވަނީ ވަރަށް ހިތްވަރާ އެކު އެ ހަމަލާތައް ދިފާއު ކޮށްފައެވެ.
މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ. މިއީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އެ ޓީމުން ކާމިޔާބުކުރި 1000 ވަނަ ލަނޑެވެ. މެޗުގައި ބާންލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ކާމިޔާބުކޮށްދިނީ ޖޯޝް ބްރައުންހިލްއެވެ.
ނަމަވެސް ބާންލީއަށް މިގޮތުގައި ހިފަހައްޓައިލެވޭވަރުވީ އެންމެ ތިން މިނެޓެވެ. މެޗުގެ 57 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ވިލިއަމް ސަލީބާ ވަނީ ދެވަނަ ފަހަރަށް އާސެނަލަށް ލީޑު ނަގައިދީފައެވެ. މެޗަގައި އާސެނަލްގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ އެލެގްޒެންޑާ ޒިންޗެންކޯއެވެ. މި ލަނޑާ އެކު އާސެނަލުން ހަމަޖެހިލި ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި އެ ޓީމުގެ މެދުތެރެއަށް ކުޅެމުންދާ ފަބިއޯ ވިއޭރާ ބާންލީގެ ބްރައިންހިލްއަށް ކުރި ފައުލަކާއި ގުޅިގެންވަނީ ސީދާ ރަތްކާޑެއް ދައްކައިފައެވެ.
މި ކާމިޔާބީއާ އެކު އާސެނަލް މިހާރު އޮތީ ކުޅުނު 12 މެޗުން ލިބިފައިވާ 27 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އެއީ ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން ހަމަވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ސިޓީއަށް ކުރި ލިބޭތީއެވެ. އަދި، ބާންލީ އޮތީ 4 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.