12 Nov 2023, 21:25
ބްރަސަލްސް (12 ނޮވެންބަރު 2023): އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ބައިޑެން އާއި ޔޫރަޕްގެ އިއްތިހާދުގެ ރައީސާ އުރުސުލާ ވޮންޑެލެޔެން އަކީ ހިޓްލަރު ފަދަ ނަސްލު ނައްތައިލުމުގެ ޖަރީމާތައް ހިންގާ އަނިޔާވެރި މުޖުރިމުން ކަމަށް ސިފަކޮށް ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.
ބައިލައްކައެއްހާ މީހުން ބައިވެރިވިކަމަށް ބެލެވޭ މި މުޒާހަރާތަކުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ބައިޑެން އާއި ޔޫރަޕްގެ އިއްތިހާދުގެ ރައީސާ އުރުސުލާ ވޮންޑެލެޔެން ގެ ފޮޓޯތައް ވަނީ ހިޓްލަރުގެ ސޫރައާ އެއްގޮތަށް ބަދަލުކޮށް އެ ތިން ބޭފުޅުން ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގުމަށް ގޮވާލައިފައެވެ.
އެމެރިކާއާއި ޔޫރަޕްގެ އެތައް ގައުމެއްގައި އިއްޔެ އެތައް މިލިޔަން ބަޔަކު ވަނީ އިސްރާއީލާ އަދި އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ފަލަސްތީނު މީހުންގެ ނަސްލު ނައްތައިލުމުގެ ޖަރީމާތަކަށް ސީދާ ގޮތެއްގައި އެހީތެރިވާ އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންނަކީ ހަނގުރާމައިގެ މުޖްރިމުންކަމާ އެއީ މިހާރު ދުނިޔޭގައި ތިބި އެންމެ ބޮޑެތި އަނިޔާވެރިންގެ ގޮތުގައި ސިފަކޮށްފައެވެ.

ޔޫރަޕްގައި އިއްޔެ ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާތަކުގެ ތެރެއިން ---
ޔޫރަޕްގައި އިސްރާއީލާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވީ ލަންޑަންގައި ބޭއްވި މުޒާހަރާތަކުގައެވެ. އިނގިރޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
އިންޒާރާ އެކު ވެސް ލަންޑަންގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލި މީހުންގެ އަދަދު ތިން ލައްކައަށް އަރާކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ.
ބްރަސަލްސްއާއި ލަންޑަންގެ އިތުރުން ޖަރުމަނުގެ ވެރިރަށް ބާލިންއާއި ފަރަންސޭސިވިލާތުގެ ޕެރިސް އާއި އިޓަލީގެ ރޯމް އާއި ސްޕޭންގެ ވެރިރަށް މެޑްރިޑްފަދަ ޔޫރަޕްގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައާއި އެމެރިކާގެ ނޔުޔޯކާއި ވޮޝިންޓަން ހިމެނޭގޮތަށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެތައް މިލިޔަން ބަޔަކު މުޒާހަރާ ކުރިއެވެ.
މުޒާހަރާ ކުރި މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ސުލްހަވެރި މި މުޒާހަރާތަކަށް ހުރަސްއަޅައި އެ މުޒާހަރާތައް ހުއްޓުވުމުގައި އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތައް ވަނީ ނާކާމިޔާބުވެފައެވެ.
ޔޫރަޕްގެ ގައުމުތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ވަކާލާތުކޮށް އެކަން ޕްރޮމޯޓްކުރާ ގައުމުތަކެއް ކަމަށް ވިޔަސް ޖަރުމަނާއި އިނގިރޭސިވިލާތް ފަދަ ގައުމުތައް ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ފަރާތްތަކަށް ދެކުނު ކޮރެއާ ފަދަ ގައުމުތަކަކަށް ވެފައެވެ.
ޖަރުމަނާއި އިނގިރޭސިވިލާތުން މިހާރު ގެންދަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން ކުށްވެރިކޮށް ފަލަސްތީނަށް ހަމްދަރުދީ ފާޅުކުރާ ފަރާތްތައް އެ ދެ ގައުމުން ބޭރުކުރާނެކަމުގެ އިންޒާރުތައް ދެމުންނެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ތިން ގައުމަކީ އެމެރިކާ، ޖަރުމަނު އަދި އިނގިރޭސިވިލާތެވެ. އިސްތިއުމާރީ ފިކުރުގެ މި ތިން ގައުމަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިން މެރުމަށާއި ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދިނުމަށް އިސްރާއީލަށް ހިތްވަރުދީ އެ ކަމަށް ބޭނުންވާ ހަތިޔާރުތައް ވެސް އެންމެ ގިނައިން ފޯރުކޮށްދޭ ތިން ގައުމެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ނަސްލު ނައްތައިލުމުގެ ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިސްރާއީލުގެ ހަމަލާތައް އެންމެ ގިނައިން އަމާޒު ކުރަނީ ވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ތަކަށާއި އޮޕަރޭޝަން ތިއޭޓަރުތަކަށް ސީދާ ގޮތެއްގައި އިސްރާއީލުގެ ޖެޓްތަކުން ގަސްދުގައި ހަމަލާތައް ދީ ޑަޒަން ޑަޒަނަށް ބަލި މީހުން މަރަމުން ގެންދާއިރު އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ގެންދަވަނީ މި ޖަރީމާތަކަށް ފާޅުގައި ތާއީދުކޮށް ހިތްވަރުދެމުންނެވެ.

ޔޫރަޕްގައި އިސްރާއީލާ ދެކޮޅަށްކުރި މުޒާހަރާތަކުގެ ތެރެއިން ---
މިއީ އިންސާނީ ނަސްލު ހިމާޔަތްކުރުމާއި ރައްކާތެރި ކުރުމުގެ ގާނޫނުތަކާ މުޅިން ޚިލާފު އަމަލުތަކެއްގެ އިތުރުން މިއީ އިންސާނީ ނަސްލު ނައްތައިލުމަށް އިސްރާއީލުން ހިންގާ އަމަލުތަކުގައި ބައިވެރިވުންކަމަށްވާތީ އިސްރާއީލުގެ ވެރިންގެ އިތުރުން އެމެރިކާ، ފަރަންސޭސިވިލާތް، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ވެރިންގެ މައްޗަށް އެ ގައުމުތަކުގެ ކޯޓުތަކުގައި ވެސް ގާނޫނު އޮންނަ ގޮތުން ދައުވާ އުފުލުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށާއި އެކަން ކުރާނެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޔޫރަޕްގެ ގާނޫނީ ވަކީލުންގެ ޓީމުތަކުން ވަނީ ހާމަކޮށްފައެވެ.
އަނެއްކޮޅުން ޔަހޫދީ ޒަޔަނިސްޓުންގެ އަތްދަށުގައި ޔޫރަޕާއި އެމެރިކާގެ މީޑިއާ އޮންނައިރު އެ މީޑިއާތަކުން (ބީބީސީއާއި ސީއެންއެންފަދަ މީޑިއާތަކުން) ގެންދަނީ ފަލަސްތީނު މައްސަލައިގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ހަދައި އިސްރާއިލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ މައްސަލަ އޮއްބައިލުމަށް ވަރަށް ވަރުގަދައަށް މަސައްކަތްކޮށް ޕްރޮޕަގެންޑާތައް ފަތުރަމުންނެވެ.
ފަލަސްތީނުގެ އަސްލު މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އޮންނަ އޮތުމާއި އދ. ގެ ގަރާރުތަކަށް ގޮންޖަހައި އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ. ނަމަވެސް ހުޅަނގުގެ މީޑިއާއިން ފަލަސްތީނުގެ މައްސަލަ ސިފަކުރަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ޓެރަރިސްޓް ހަމަލާތަކެއް ދީގެން އުޅޭ މައްސަލައެއްގެ ގޮތުގައެވެ.
ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ތެދުވަން ޖެހުނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭތީ އެބިންތައް މިނިވަން ކުރުމަށްޓަކައެވެ. މިއީ އދ. ގެ ޗާޓަރަށް ބަލާއިރު ފަލަސްތީނުގެ ކޮންމެ މީހަކަށް ވެސް އަދި ޖަމާއަތަކަށް ވެސް ހުއްދަ ކަމެކެވެ. އިސްރާއީލަށް ހަމަލާދިނުމަކީ ހުއްދަކަމެކެވެ. އަދި، އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭހާ ހިނދަކު އަމިއްލަ ނަފުސު ދިފާއު ކުރުމުގެ ހައްގު ވެސް އިސްރާއީލަކަށް ނޯންނާނެއެވެ.