އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވަތު ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ހުވާ ކުރެއްވުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިއަދު "ސަން"އަށް ވިދާޅުވީ، މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ޔާމީނަށް ފޮނުއްވާނެ ކަމަށެވެ. އެންމެ ލަސްވެގެން، މާދަމާގެ ނިޔަލަށް ދައުވަތު ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެކަމަކު، އިންތިޚާބަށް ފަހު، މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ދެއްވައިފައެވެ.

ޔާމީން މިހާރު ހުންނެވީ ގޭ ބަންދުގައެވެ. އެކަމަކު، ކަރެކްޝަންސްގެ ހުއްދައާ އެކު ބައެއް ބައްދަލުވުންތަކަށް، ސިއްހީ ކަންކަމަށް ނުކުތުމަށް ވަނީ ހުއްދަ ދީފައެވެ.

ގެއަށް ބަދަލު ކުރެއްވުމާ އެކު ޔާމީން ސިޔާސީ ހަރަކާތް ވެސް ހިންގެވިއެވެ. އެކަމަކު، ޕާޓީ އޮފީހަށް ގޮސް ސިޔާސީ ޖަލްސާތައް ބާއްވަވަން ފެއްޓެވުމުން ކަރެކްޝަންސްއިން ވަނީ ޔާމީނާ އެކު ހަދާފައިވާ އިގުރާރު އުވައިލާނެ ކަމުގެ އިންޒާރު ދީފައެވެ. އެއާ އެކު ޔާމީން ހިމޭންވީއެވެ.

މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޖަލު ހުކުމުގެ ސަބަބުން ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ.

އިންތިޚާބުގައި ޔާމީން ތާއީދު ކުރެއްވީ މުއިއްޒަށެވެ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައެވެ.

ޕީއެންސީއަކީ ޕީޕީއެމާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ ޕާޓީއެކެވެ. އެއީ، ޔާމީން ސަރުކާރުގެ ފަހުކޮޅު އެ މަނިކުފާނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ހެދި ޕާޓީއެކެވެ.