13 Nov 2023, 15:59
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމާފައިވާ ނިންމުމެއް ނަފީކޮށް އެ މައްސަލަ އަލުން އެޖެންޑާކޮށް ޖަލްސާއަކަށް ގޮވުމުގެ ގާނޫނީ ބާރު މަޖިލީހުގެ އަމީންއާންމަށް ލިބިވަޑައިގެންފައި ނުވާކަމަށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އަމީންއާއްމަށް ފޮނުއްވި ސިޓީފުޅެއްގައި އީވާ މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް މިއަދު ހަވީރު 16:00އަށް މަޖިލީހުގެ އިދާރާއިން އެޖެންޑާ ކުރުމުންނެވެ.
އީވާ ވިދާޅުވީ ނަޝީދުގެ އިތުބާރުގެ މައްސަލާގައި ހުށަހެޅި ގަރާރު މިވަގުތު މަޖިލީހުގެ ނިޒާމުގައި ނެތް ކަމަށެވެ. އެއީ އިއްޔެ ހެނދުނުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެ މައްސަލަ ބޭރުކޮށްލުމުންނެވެ. އެއާއެކު އީވާ ވަނީ އިއްޔެ މެންދުރަށް އެޖެންޑާކުރި ޖަލްސާގެ ރިޔާސަތާ ހަވާލުވެ އެ ޖަލްސާ ވެސް ނިންމަވާލައްވާފައެވެ.
މިއަދު މަޖިލީހަށް ދެ ޖަލްސާއެއް އެޖެންޑާ ކުރިއެވެ. އެއް ޖަލްސާއަކީ ބަޖެޓު ހުށަހަޅަން އޮތް ޖަލްސާއެވެ. އެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަލާމް ފޮނުއްވިއިރު ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލީއެވެ. ދެވަނައަށް އެޖެންޑާ ކުރި ނަޝީދުގެ މައްސަލައިގެ ޖަލްސާ ކުރިއަށްނުގެންދެވި މަޖިލިސް ހުއްޓުނީ ރިޔާސަތު ބަލަހައްޓާނެ މެމްބަރަކާ މެދު ވެސް ހިޔާލު ތަފާތުވުންތައް އުފެދި އެމްޑީޕީގެ މެންބަރުން އަޑުގަދަކުރަމުން ދަނިކޮށެވެ. އެއަށްފަހު އެ ޖަލްސާ ވެސް ވަނީ ނިންމަވާލައްވާފައެވެ.
ނަމަވެސް ތިންވަނަ ޖަލްސާއެއް ހަވީރަށް އެޖެންޑާކުރުމުން އީވާގެ ސިޓީފުޅުގައި ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރި ނުވާ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަރާތަކާ މަޖިލީހުގެ ރިޔާސަތު ހަވާލުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އަމީންއާންމަށް ލިބިގެން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް
"އެހެންކަމުން ސުޕްރިމް ކޯޓުގެ ހުކުމުގެ ތަރަހައަށް ބަލާއިރު، މަޖިލީހުގެ އަމީންއާއްމަށް ލިބިދޭ ބާރަކީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ހަމައެކަނި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ޖަލްސާއަށް އެޖެންޑާ ކުރުމާއި ޖަލްސާއަށް ގޮވުމުގެ ބާރެވެ،" އީވާގެ ސިޓީފުޅުގައި ބުންޏެވެ.
"އަދި އެ ޖަލްސާގައި ހިނގާ ކަންކަމާއި ނިންމާ ނިންމުންތައް މަނާކުރުމާއި އެ ނިންމުންތަކާ ޚިލާފަށް އަމަލުކުރުމުގެ އަމީންއާއްމަށް ލިބިގެނެއް ނުވެއެވެ،"
މީގެ އިތުރުން އެ ސިޓީގައި އީވާ ވިދާޅުވީ މަޖިލިސް ހިންގުމުގެ ކަންކަމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ލަފާ ހޯދުމަށް މަޖިލީހުގެ ގަވާއިދު ތަންނުދޭ ކަމަށެވެ.
އެކަމަނާ އެހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މެންބަރުން ނަޝީދުގެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ބަންޑާރަ ނައިބުގެ އަރިހުގައި ލަފާއަށް އެދުމުންނެވެ. ބަންޑާރަ ނައިބު ވަނީ، އެ މައްސަލައިގައި މަސްލަހަތު ހިމެނޭ މެންބަރުންނަށް އެ މައްސަލައިގައި ރިޔާސަތު ނުބެލެހެއްޓޭނެ ކަަމަށް ރޭ ވިދާޅުވެފައެވެ.
އީވާ ވިދާޅުވީ އެކަމުގައި ބަންޑާރަ ނައިބުގެ ލަފަޔަށް އެދުމަކީ, ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ބާރުތައް ކަނޑުވާލައި މަޖިލިސް ހިންގުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އީވާ ވިދާޅުވީ، އެ ހުރިހާ ކަމެއްގެ އިތުރުން މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ނުހަނު ސާފު ކަމަށެވެ. މަޖިލީހުގެ ރައީސަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއްގައި، އަދި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ނުކުރާހާ ހިނދު އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސްކަމަށް ގާނޫނުއަސާސީގައާއި މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް އެބައޮތްކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީވާ މިފަދައިން ވިދާޅުވެފަވާއިރު އެމްޑީޕީން މިއަދު ވަނީ 50 މެންބަރުންގެ ސޮޔާއެކު އީވާ މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހަޅާފައެވެ.