އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވައިކުރައްވާ ހަފުލާއާ ގުޅުވައި މާލޭގައި ހަވާއެރުވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ހަވާއެރުވުން އޮންނާނީ މާދަމާ ރޭ 9:00ގައި ކަމަށެވެ.

ހަވާ އެރުވުން އޮތީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އިއްޒުންދީން ފާލަން ކުރިމަތީ ބޭރަށް އޮންނަ ފަޅުގައެވެ.

މާދަމާ މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ ޖަލްސާގައި ބައިވެރިވުމަށް ވަނީ ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ވެސް ދައުވަތު އަރުވައިފައެވެ.

އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ޚާއްޞަ ވަފުދެއް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ޗައިނާއިން، އެ ގައުމުގެ ރައީސް ޝީޖިން ޕިންގެ ފަރާތުން ފޮނުވަނީ ރައީސްގެ ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިންއެވެ.

އިންޑިއާ ސަރުކާރަށް ވެސް ހުވައިކުރުމުގެ ރަސްމިއްޔާތުގެ ދައުވަތު ވަނީ ފޮނުވައިފައެވެ. އެގައުމުން ވަޑައިގަންނަވަނީ އާތު އެންޑް ސައިންސް މިނިސްޓަރު ކިރަން ރިޖުޖު އެވެ.