ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހުޅަނގު އައްސޭރީގެ އިސްރާއީލު ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ގޮވައިލައްވައިފިއެވެ.

އޭޝިއާ ޕެސިފިކް ސަމިޓަކަށް ސެން ފްރެންސިސްކޯގައި ހުންނެވި ބްލިންކެން އެގޮތަށް ގޮވާލައްވައިފައި ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓާ ދާދިފަހުން ގުޅިވަޑައިގެންނެވި އިދިކޮޅު ލީޑަރު ބެނީ ގަންޓްޒްއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާއާ ހަވާލާދީ އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި އުފެދިފައިވާ ހަމަނުޖެހުން ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް އެޅުމުގެ މުހިންމުކަމަށް ބްލިންކެން ވަނީ އަލިއަޅުވާލައްވައިފައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ދެމެދު ކުރަމުންދާ ހަނގުރާމައިގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން މިނިވަންކުރުމާ ބެހޭގޮތުން ވެސް ބްލިންކެން ވަނީ ގަންޓްޒްއާ ވާހަކަފުޅު ދައްކަވާފައެވެ.

ހަމާސްގެ ކޮންޓްރޯލްގެ ދަށުގައިވާ ޣައްޒާ ސިޓީއާ ހިލާފަށް ހުޅަނގު އައްސޭރި ބޮޑު ބައެއް ހިސާރުކޮށްފައި ވަނީ އިސްރާއީލުންނެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގައި ވަޒަންވެރިވި މީހުންގެ އުދަނގޫތައް ވަނީ އިތުރުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ އެމެރިކާއިން ވާގިވެރިވެގެން ހިންގާ ޖަރީމާތެކެކެވެ. ނަމަވެސް ހަނގުރާމައިގައި ޣައްޒާގެ އާންމުންނަށް ދޭ އަނިޔާތަކާ އެމެރިކާއިން ވެސް ދެކޮޅެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް ގާތްގަޑަކަށް 12،000 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.