18 Nov 2023, 17:56
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.
ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ އާ ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އިއްޔެ ހުވާ ކުރައްވާ ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން އަނބުރާ ފޮނުވައިލާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
މިއަދު ރައީސް އޮފީހުން ބުނީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ވަޑައިގެން ހުންނެވި އިންޑިއާގެ މިނިސްޓަރު އޮފް އާތު ސައިންސެސް ކިރެން ރިޖިޖޫއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރައީސް މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރަން އޮތް މަސައްކަތެއްގެ ގޮތުގައި ވެސް ނިންމާފައިވަނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.
ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ ފްލައިޓުތައް ބަލަހައްޓާށާއި އެކިއެކި ކަންކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބެއެވެ. އެކަމަކު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ތަފުސީލުތައް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވަނީ އެ ހުރިހާ ކަންކަމެއް ހާމަކޮށް، އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލައްވާނެ ކަމަށް ވިދާޅުވެފައެވެ.