22 Nov 2023, 07:32
މި މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި މި އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑް ޙަފްލާއިން އިންޑިއާއަށް އެވޯޑް ކާމިޔާބުކޮށްދިން ހަމައެކަނި ފަރާތަކީ މަޝްހޫރު ކޮމީޑިއަން ވީރް ދާސްއެވެ.
ނެޓްފްލިކްސްގެ މަޝްހޫރު ވެބް ސީރީސްކަމަށްވާ "ދެއްލީ ކްރައިމް"އިން ބަތަލާ ޝެފާލީ ޝާހު އަދި "ރޮކެޓް ބޯއިސް"އިން އެކްޓަރު ޖިމް ސާބް އެންމެ މޮޅު އެކްޓަރު އަދި ބަތަލާގެ ކެޓެގަރީއަށް ނޮމިނޭޓްވި ނަމަވެސް މި ދެ ތަރިންނަށް ވަނީ އެ ކެޓަގަރީގެ އެވޯޑު ގެއްލިފައެވެ.
އެކްޓްކުރުމުގެ އިތުރުން މިއުޒިކް ކުޅުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރާ ވީރު ދާސްއަށް އެވޯޑް ލިބިފައި ވަނީ އޭނާގެ ނެޓްފްލިކްސް ޝޯވް "ވީރް ދާސް"ލޭންޑިންގް" އިންނެވެ.
މި ކާމިޔާބީއާ ގުޅިގެން ވީރު ދާސް ވަނީ އޭނާއަށް ހާސިލުކުރެވުނު އެވޯޑަކީ އިންޑިއާއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި ހާއްސަކޮށް ކޮމެޑީއަށް ހާއްސަ ހުރިހާ ފަންނާނުންނަށް ހޯދައިދެވުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށް ސިފަކޮށްފައެވެ. ވީރް ދާސް ވަނީ މި ކެޓަގަރީއަށް ނޮމިނޭޓްވި އާޖެންޓީނާގެ "އެލް އެންކާގާޑޯ އާއި ފްރާންސްގެ ލެ ފްލެމްބިއު" ސީޒަން ދޭއް ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާއަށް މި އެވޯޑް ކާމިޔާބު ކޮށްދީފައެވެ.
ވީރް ދާސްގެ "ވީރް ދާސް: ލޭންޑިންގް" އަކީ 2022ވަނަ އަހަރު ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފެށި ހާއްސަ ސްޓޭންޑް އަޕް ކޮމެޑީ ޝޯވްއެކެވެ.

އެކްޓާ ކަޕޫރު މި އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސް ޙަފްލާގައި
މި އަހަރު ބޭއްވި 51ވަނަ އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި އިންޑިއާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް އިންޓަނޭޝަނަލް އެމީ ޑައިރެކްޓްރޭޓް އެވޯޑް ވެސް ވަނީ ދީފައެވެ. އެކްތާއަށް މި ޝަރަފުގެ އެވޯޑް އެރުވުނީ ޕްރޮޑިއުސަރުގެ ކެރިއަރުގެ ބޮޑު ބައެއް އިންޑިއާގެ ޓީވީ ލޭންޑް ސްކޭޕަށް ކޮށްދީފައިވާ ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.