23 Nov 2023, 23:19
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ބައްދަލުކުރެއްވުމާ ގުޅޭގޮތުުން މުނޫ މަހާވަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޚާއްސަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
މީގެ ކުރިން، ޒަމީރު ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނި އަމް ޖައިޝަންކަރު ވަނީ އެކުގައި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމަށް ޒަމީރަށް ދަންނަވާފައެވެ.
އެކްސްގަ ކުރި އެ ޕޯސްޓަށް ރައްދު ދެއްވައި ޒަމީރު ވެސްވަނީ، ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިގްތިޞާދީ ސިޔާސަތުގެ ސަބަބުން އުފެދިފައިވާ މައްސަލަތައް ނޫން އެހެން މައްސަލައެއް އިންޑިއާއާއެކު ނެތް ކަމަށެވެ.
އަދި އިންޑިއާ ސިފައިންގެ މައްސަލައިގައި، ސިފައިން ބާލާނި މަޝްވަރާއާއި ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.