ވޭތުވެދިޔަ 10 އަހަރުތެރޭ އަންހެނުންނަށް ކުރާ އެކި ކަހަލަ އަނިޔާގެ 2،753 ކޭސް ރިޕޯޓުކޮށްފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ މަސައްކަތްތަކަށް ޚާއްޞަކޮށް، ބައިނަލްއަގްވާމީގޮތުން މިއަދު ފާހަގަކުރަމުންދާ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިންއިން ވަނީ 2011 ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށް، އަންހެނުންނަށް ކުރާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުން އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ރިޕޯޓުކުރާ މިންވަރު ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވީ 10 އަހަރުތެރޭ:

  • ޖިސްމާނީ އަނިޔާ: 1،481 ކޭސް ރިޕޯޓުކުރި

  • ޖިންސީ އަނިޔާ: 380 ކޭސް ރިޕޯޓުކުރި
  • ނަފްސާނީ އަނިޔާ: 892 ކޭސް ރިޕޯޓުކުރި

މިދިޔަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި ބިދޭސީން ހިމެނޭ ގޮތަށް 203،138 އަންހެނުން ދިރިއުޅެއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފިރިހެނުންނަށް ކުރާ މިފަދަ އަނިޔާތަކާ އަޅާ ބަލާއިރު، އަންހެނުންނަށް ކުރާ އަނިޔާތައް އެތައް ގުނައެއް އިތުރެވެ.

ދުނިޔޭގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން 16 ދުވަހުގެ ކެމްޕެއިނެއް ވަނީ ފަށާފައެވެ. އެގޮތުން މިދުވަހުގެ ބައިނަލްއަޤްވާމީ ޝިއާރަކީ "ޔުނައިޓް"އެވެ.