ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ބަތަލާ އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް ދެކޭގޮތުގައި ކާފަ ދަރިފުޅު ރަހާއަށް ރަންބީރު ފަދަ ބައްޕައެއް ލިބުމަކީ އެ ދަރިފުޅަށް ލިބުނު އެންމެ ބޮޑު ނަސީބެވެ.

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އެނިމަލް"ގެ ޕްރޮމޯޝަން ކުރިއަށްދިޔަ ޝޯވް އިންޑިއަން އައިޑޮލްގައި ރަންބީރަށް ސިހުން ލިބިގެންދިޔައީ ކުއްލިއަކަށް ސްކްރީނުން ބަފާބެ މަހޭޝް ބަޓްގެ ވީޑިއޯއެއް ދެއްކުމުންނެވެ.

މަހޭޝް ބަޓްގެ ޙަޔާތުގެ އެންމެ ހާއްސަ އެއް ފަރާތްކަމަށްވާ ދަރިފުޅު އާލިއާ ބަޓްގެ ފިރިމީހާއާ ބެހޭގޮތުން މަހޭޝް ބަޓް ވަނީ މީގެ ކުރިން ފާޅުނުކުރާ ޝުއޫރުތަކެއް ހާމަކަން ބޮޑު ގޮތެއްގައި ބަންޑުންކޮށްފައެވެ. އެގޮތުން އާލިއާ ބަޓް އޭނާ ގާތު ބުނެފައިވާ ގޮތުން ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ މޮޅު އެކްޓަރުކަމަށް ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ވެސް ކޮށްފައިވާ މަހޭޝް ވަނީ ބުނެފައެވެ.

އާލިއާގެ އެ ވާހަކަތަކަށް އެއްބަސްވާ ކަމަށާއި ރަންބީރަކީ ބައްޕައެއްގެ ރޯލް ހަޤީޤީ ޙަޔާތުގައި އެންމެ ފުރިހަމައަށް އަދާކުރާ އެންމެ ފުރިހަމަ ބައްޕަކަމަށް މަހޭޝް ވަނީ ބުނެފައެވެ.

މަހޭޝް ބަޓް ރަންބީރު އަދި ދެ ކުދިން ކަމަށްވާ އާލިއާ އާއި ޕޫޖާ ބަޓާ އެކު

ކާފަ ދަރިފުޅު ރަހާއާ އެކު ރަންބީރު ވަގުތު ހޭދަކުރާ މަންޒަރު ފެންނަ އެއްވެސް ފަރާތަކުން އޭނާ ދެއްކި އެ ވާހަކަ ދޮގު ނުކުރާނެ ކަމަށާއި ރަހާ ދެކެ ރަންބީރުވާ ލޯތްބަކީ ބައްޕައިންނަށް ހުރި ލާމަސީލު މިސާލެއް ކަމަށް މަހޭޝް ބަޓް ވަނީ ބުނެފައެވެ. އާލިއާގެ ޙަޔާތުގެ ބައިވެރިޔަކަށް ރަންބީރު ވުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށާއި ދަނބިދަރިއަކަށް ރަންބީރު ލިބުމަކީ އޭނާ ފަޚުރުވެރިވާ ކަމެއް ކަމުގައެވެ.

އުއްމީދު ވެސް ނުކޮށް ހުއްޓާ ބަފައިބެގެ ފަރާތުން އިވުނު ބަސްތަކާ ގުޅިގެން ރަންބީރު ބުނީ ދަނބިދަރިއެއްގެ އިމްތިހާނުން އޭނާ ފާސްވެއްޖެ ކަމަށެވެ.

ރަންބީރާއި އާލިއާ އަކީ އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ދެމަފިރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާ ދެމަފިރިންނެވެ. ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެ ތަރިން ކައިވެނި ކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.