29 Nov 2023, 08:56
ބޮލީވުޑްގެ އެންމެ އުއްމީދީ ފިލްމީ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ، ސިދާންތު ޗަތުރަވެދީ އަދި އާދަޝް ގޯރަވް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ހޯ ގަޔޭ ހަމް ކަހާން" އަންނަ މަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.
މި ފިލްމަކީ 2021ވަނަ އަހަރު އިއުލާނުކޮށް މިދިޔަ އަހަރު މަސައްކަތް އެއްކޮށް ނިންމާލި ފިލްމެކެވެ.
ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ 26ގައި ނެޓްފްލިކްސްގައި ޕްރިމިއާކުރާ މި ފިލްމަކީ، އިންޑިއާގެ މުމްބާއީގައި ދިރިއުޅެމުން އަންނަ ޒުވާން ތިން ރަޙްމަތްތެރިންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ޒުވާނުންނަށް ވަރަށް ކަމުދާނެ ފިލްމެކެވެ.
މުމްބާއީގެ ހަލަބޮލި މާޙައުލުގައި މި ތިން އެކުވެރިންގެ ދިރިއުޅުމުގައި ހިނގާ ހެއްވާ މަޖާ ކަންތައް ތަކާއެކު ތިން މީހުންގެ ދިރިއުޅުމަށް އަންނަ ތޫފާނުގެ ވާހަކަތައް ވެސް ފިލްމުން ފެންނާނެއެވެ.
މި ފިލްމަކީ، މަޝްހޫރު އެކްޓަރު އަދި ފިލްމު ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓެއިންމަންޓާއި ޓައިގާ ބޭބީ ފިލްމްސް އަދި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މިއީ މި ދެ ކުންފުންޏާ ގުޅިގެން ނެޓްފްލިކްސްއިން ގެނެސްދޭ ދެވަނަ ފިލްމުވެސް މެއެވެ.

ބަތަލާ އަނަންޔާ އަދި އެކްޓަރު ސިދާތު
އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ އަރުޖުން ޑައިރެކްޓްކުރާ "ހޯ ގަޔޭ ހަމް ކަހާން"އަށް ސްކްރިޕްޓް ތައްޔާރުކޮށްދީފައި ވަނީ ފަރުހާންގެ ކޮއްކޮ ޒޯޔާ އަޚްތަރެވެ. ޒޯޔާއަކީ، ހިންދީ ސިނަމާއަށް ތަފާތު ކޮންސެޕްޓްގެ ފިލްމުތައް ތަޢާރަފްކޮށްދިން ކުޅަނާދަ އަންހެން ޑައިރެކްޓަރެކެވެ.
އޭގެތެރޭގައި، ފިލްމު "ގައްލީ ބޯއި"، "ދިލް ދަޅަކްނޭ ދޯ" އަދި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ހިމެނެއެވެ. މިހާރުގެ ޒުވާނުންގެ ދިރިއުޅުމުގެ ގުޅުންތައް ދައްކުވައިދޭ މި ފިލްމުގެ ސްކްރިޕްޓް އަކީ ވަރަށް ޝައުގުވެރިކަމާއެކު ޒޯޔާ އާއި އެކުވެރި ރީމާ ކަގްތީ ކުރި މަސައްކަތެއްކަމަށް ތަޖުރިބާކާރު ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަނަންޔާ އާއި ސިދާތު މީގެ ކުރިން ވަނީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރި ފިލްމު "ގެހެރައިޔާން"ގައި އެކީގައި މަސައްކަތް ކޮށްފައެވެ.