ކޮނެކްޓިކަޓް (30 ނޮވެމްބަރު 2023) : އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އެމެރިކާގެ ޑިޕްލޮމަސީގެ ޖަޔަންޓްގެ ގޮތުގައި މީޑިއާތަކުން ސިފަކުރާ ޑރ. ހެންރީ ކިސިންޖަރު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

ކިސިންޖަރު އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވަނީ 1970 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެމެރިކާގެ ކުރީގެ ދެ ރައީސުންކަމަށްވާ ރިޗަޑް ނިކްސަން އާއި ޖެރަލްޑް ފޯޑުގެ ވެރިކަމުގައެވެ.

ކިސިންޖަރު މަޝްހޫރުވެފައި ވަނީ ޗައިނާއަކީ ޓައިވާންކަމަށް ބަލައިގެން އެމެރިކާ ޓައިވާނަށް އިއުތިރާފު ވެފައިއޮތް ސްޓްރެޓީޖިކް ނިންމުން މުޅިން ބަދަލުކޮށް ޓައިވާންގެ ބަދަލުގައި ކޮމިއުނިސްޓް ޗައިނާއަށް އެމެރިކާ އިއުތިރާފްވުމުގެ އިސް މޭސްތިރިއާ ގެ ގޮތުގައެވެ.

އަދި ކުރީގެ ބޮޑުބާރެއްކަމަށް ރޫސީވިލާތް ނުވަތަ ސޮވިއެޓް ޔުނިޔަން އާ އެމެރިކާއާ ދެމެދުގައި އޮތް ފިނިހަނގުރާމައިގެ ނުތަނަވަސްކަން ކުޑަކުރުމަށް 1970 ގެ އަހަރުތަކުގައި އެމެރިކާ އެޅި ގިނަ ޑިޕްލޮމެޓިކް ފިޔަވަޅުތަކެއްގެވެސް މޭސްތިރިޔާގެ ގޮތުގައެވެ.

މީގެ އިތުރުން އެމެރިކާއިން ވިއެޓްނާމަށް އަރައިގަނެ ކުރި ހަނގުރާމައިގާ އެމެރިކާ ސިފައިންނަށް ލިބުނު ބޮޑެތި ގެއްލުންތަކާއި އެމެރިކާއަށް ކުރިމަތިވި އާދަޔާ ޚިލާފު ނާކާމިޔާބީތަކާ ގުޅިގެން އެ ހަނގުރާމައިން އެމެރިކާ ސަލާމަތް ކުރުމުގައިވެސް އިސް ދަރުއުރެއް އަދާކުރެއްވި ޝަޚްސިއްޔަތުގެ ގޮތުގައެވެ.

ކިސިންޖަރަކީ އޭނާގެ ސިޔާސަތުގެ ދަށުން އެމެރިކާ ސިފައިން ވިއެޓްނާމް ފަދަ އެތައް ގައުމެއްގައި ހިންގި އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކުގެ ފަހަތުގައިވާ އިސް އެއް ފަރާތެވެ. އެމެރިކާގެ އެ އަމަލުތަކުގެ ސަބަބުން ކުށެއްނެތް އެތައް ހާސް ބަޔަކު މަރާލެވިފައިވާތީ އެކަމުގެ ޒިންމާ އުފުއްލަވަންޖެހޭ ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މުހައްލިލުން ކިސިންޖަރު ސިފަކުރައްވައެވެ.

ނަމަވެސް ވިއެޓްނާމްގައި އެމެރިކާގެ 80 ވަރަކަށް ހާސް ސިފައިން މަރުވެ އެ ހަނގުރާމައިގާ އެމެރިކާ ބަލިވުމުން އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭރުގެ އުތުރު ވިއެޓްނާމުގެ ޚާރިޖީ ވަޒީރު ލޯ ޑޮކް ތޯ އާ ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅަކީވެސް ކިސިންޖަރެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 1973 ވަނަ އަހަރު ވިއެޓްނާމު ހަނގުރާމަ ނިމުމަކަށް އައެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކިސިންޖަރު ކުރެއްވި މަސައްކަތްތަކާ ގުޅިގެން 1973 ވަނަ އަހަރު އޭނާއަށާއި އޭރުގެ އުތުރު ވިއެޓްނާމުގެ ޚާރިޖީ ވަޒީރުލޯ ޑޮކް ތޯ އަށް ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވިއެވެ.

ކިސިންޖަރަކީ ބައިނަލްއަގްވާމީ ސިޔާސަތުތަކާއި ޖިއޮޕޮލިޓިކަލް ދާއިރާގެ ދިރާސާތަކުގައި މުޅި ދުނިޔެއަށް މަޝްހޫރު ބޭފުޅެކެވެ. އެދާއިރާއިން ފޮތްތައް ލިޔުއްވާފައިވާ ޖަޔަންޓެކެވެ. ބައިނަލްއަގްވާމީ ސިޔާސަތުގެ ކަންކަން ލަފާކުރުމުގެ ހުނަރު ބޮޑު ބޭފުޅެކެވެ.

ކިސިންޖަރުގެ މުސްކުޅި އުމުރުގައިވެސް އޭނާ ދުނިޔޭގެ ލެވެލްގެ ތިންކް ޓޭންކް ބައްދަލުވުންތަކާއި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ކިސިންޖަރު ގެ ފުރިހަމަ ނަމަކީ ހައެންޒް އަލްފްރެޑް ހެންރީ ކިސިންޖަރ އެވެ. އޭނާއަކީ ޖަރުމަނުގެ އޯތޮޑޮކްސް ޔަހޫދީ އާއިލާއަކަށް އުފަން ބޭފުޅެކެވެ.

ޖަރުމަނުގެ ނާޒީ ވެރިކަމުގައި ޔަހޫދީންނާ ދެކޮޅަށް ހިންގިކަމަށް ބުނެވޭ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމަށް ކަމަށް ބުނެ ކިސިންޖަރު އެމެރިކާއަށް ހިޖުރަކުރެއްވީ 1923 ވަނަ އަހަރުގެ މޭމަހުގެ 27 ވަނަ ދުވަހުއެވެ.

އެއަށްފަހު އޭނާ އެމެރިކާގެ ރައްޔިތުކަން ހޯއްދަވައިގެން އުޅުއްވަމުން ގެންދެވީ އެމެރިކާގައެވެ. ކިސިންޖަރު ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ކޮނެކްޓިކަޓް ގައެވެ. އިއްޔެ އޭނާ އަވަހާރަވެފައިވަނީ އުމުރުން 100 އަހަރުގައެވެ. އަހަވާރަވާން ދިމާވި ސަބަބެއް ނޫނީ ބައްޔެއް އޭނާގެ އާއިލާއިން ސާފުކޮށްދީފައެއް ނުވެއެވެ.