02 Dec 2023, 12:03
ޣައްޒާ (2 ޑިސެންބަރު 2023) : ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ހަތް ދުވަހަށް މެދުކަނޑާލުމަށްފަހު އިއްޔެ އަލުން ފެށުމަށްފަހު އިސްރާއީލުން ފަލަސްތީނުގެ އިތުރު 190 މީހުން ޝަހީދުކޮށް 589 މީހުން ޒަޚަމްކޮށްލައިފިއެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރު ބުނާގޮތުން މިގަތުލުއާންމުވެސް އިސްރާއީލުން ހިންގީ އަދި އިސްރާއީލުން އަލުން ހަމަލާތައް ފެށީވެސް އެމެރިކާއާއި ޔޫރަޕްގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ.
މި ގަތުލުއާންމު ހިންގާފައިވަނީ ޣައްޒާގައި އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި އދ. ގެ ސްކޫލަކަށް ހަމަލާދީގެންނާއި އާންމުންގެ ގެދޮރަށް ހަމަލާދީގެންނެވެ. އިއްޔެ އިސްރާއީލުން ހިންގި ގަތުލުއާންމާއެކު މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދުވަނީ 15000 އަށްވުރެން މައްޗަށް ގޮސްފައެވެ.
ޒަޚަމްކޮށްލި މީހުންގެ އަދަދު 36000 އަށް އަރާފައިވާއިރު އިސްރާއީލުން ބޮންއަޅައި ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުގައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 7000 އަށް ވުރެން މަތި ކަމަށް ޣައްޒާގެ ސަރުކާރުން ބުނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ ޣައްޒާއަށް ހަމަލާތައް ދިނުމުގެ ހައްގު އިސްރާއީލަށް އޮތްކަމަށް ވިދާޅުވެ އިސްރާއީލުން ގަތުލުއާންމު ހިންގުމަށް ހިތްވަރު ދެއްވައި އިއްޔެ ވާހަކަ ދައްކަވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އިތުރުން ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުގެ ފުރިހަމަ ތާއީދުވެސް އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހިންގާ ގަތުލުއާންމުތަކަށް އެބައޮތެވެ. އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ތާއީދާ ނުލައި މިވަރުގެ ބޮޑު ގަތުލުއާންމެއް ދުނިޔޭގެ ކުރިމަތީގައި ހިންގަން އިސްރާއީލަށް ނުކެރޭނެއެވެ.
އިސްރާއީލަކީ ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިނަމަ ވަރަށް އަވަހަށް އިނދަޖެހޭވަރުގެ ކުޑަ އަދި އާބާދީ މަދު ގައުމެކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތި ނުލެވޭފަދަ ބަލިކަށި ގައުމެކެވެ.
އިސްރާއީލުން ފާޅުގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް ގަސްދުގައި ހަމަލާތައްދީ ޣައްޒާގެ އާންމުން ހާހުން މަރައި އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަން ހިޓްލަރުގެ ދަރަޖައަށް ވެއްޓުނުއިރު ހުޅަނގުގެ ބާރާއި ނުފޫޒު އޮންނަ ބައިނަލްއަގުވާމީ ނިޒާމު އޮންނަނީ ކުޅިބަލާށެވެ. އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމާ ދެކޮޅަށް އދ. ގައި މަސައްކަތްކުރަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކެވެ.
މި ހަގީގަތާއެކު ހުޅަނގުން އިންސާނީ ހައްގުތަކުގެ ނަމުގައި ހިންގަމުން ގެންދާ ޕްރޮޕަގެންޑާތައް ވަނީ މުޅިން ފަޟީހަތްވެ ބޭޒާރުވެފައެވެ. ހުނޅަގުގެ އަގު ވަނީ ދުނިޔޭގައި އުތުރުކޮރެއާ ފެންވަރަށް ވެއްޓިގެން ގޮސްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކަށް ބޭނުންވާ ހަތިޔާރު އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން އިސްރާއީލަށް ފޯރުކޮށްދެމުން ގެންދަނީ ވަރަށް ހާމަކަންބޮޑު ގޮތެއްގައެވެ. މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަން ފެށިފަހުން މިހާތަނަށް ނޭޓޯގެ ގައުމުތަކުން އިސްރާއީލަށް ހަތިޔަރާއި އަސްކަރީ ސާމާނުތައް ހިފައިގެން 160 އަށް ވުރެ ގިނަ އަސްކަރީ ޓްރާންޕޯޓް މަތިންދާބޯޓުތައްވަނީ ދަތުރު ކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކުންނެވެ.
އަނެއްކޮޅުން އަރަބި ގައުމުތަކުގެ ސަރުކާރުތަކުން ފަލަސްތީނަށް އަޅާނުލުމާއި އިސްރާއީލު ހިސާރުކޮށް އިސްރާއީލު އެކަހެރިކުރުމަށް އަރަބިން އެއްވެސް ފިޔަވަޅެއް ނޭޅުމަކީވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ފެށުމަށް އިސްރާއީލަށް ހިތްވަރު ލިބިގެންދާ ކަމެކެވެ.
ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔޫއޭއީގައި ކުރިޔަށް ދާ ކޮޕް 28 މަހާސިންތާއަށް ދިޔަ އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގް އާ އަރަބި ދެ ގައުމެއްގެ އިސްވެރިން އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ. އެއީ ޔޫއޭއީ ގެ ރައީސް ޝައިޚު މުހައްމަދު ބިން ޒާޔިދު އާލް ނިހްޔާން އާއި ގަތަރުގެ އަމީރު ޝައިޚު ތަމީމު ބިން ހަމަދު އާލުޘާނީ އެވެ.
ޔޫއޭއީ އަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ ދުޝްމަނެއްކަމަށް ބަލާ ގައުމެކެވެ. އަދި އިސްރާއީލާ ރަސްމީކޮށް ގުޅުންތައް އުފައްދާފައިވާ ގައުމެކެވެ. ގަތަރަކީ އިސްރާއީލާ އެއްވެސް ބާވަތެއްގެ ގުޅުމެއް އުފައްދާފައިނުވާ އަދި ހަމާސް އާ ގުޅުންތައް ބޮޑު ގައުމެކެވެ. ހަމާސްއިން ވެރިކަންކުރާ ޣައްޒާގެ ސަރުކާރަށް ގަތަރުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން ގެންދެއެވެ.
މީގެއިތުރުން ގަތަރުގެ އަލްޖަޒީރާއަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތައް ދުނިޔެއަށް ހާމަކޮށް އިސްރާއީލުގެ އަނިޔާވެރިކަން ފަޟީހަތްކުރުމާއި އިސްރާއީލުގެ ޖަރީމާތަކުގެ ފަހަތުގައި ހުޅަނގުގެ ބާރުތައް އޮންނަ އޮތުން ދުނިޔެއަށް ހާމަކުރުމުގައި އިސްދައުރެއް އަދާކުރާ ހަމައެކަނި ޓީވީ ނެޓްވާކެވެ.
ހުޅަނގުގެ މީޑިއާ ތަކަކީ އިސްރާއީލު ކޮޅަށްޖެހި ހުސްވެފައިވާ އަދި ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ މީޑިއާ ތަކަކަށްވާތީ ހުޅަނގުގެ މީޑިއާ ތަކުން އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ މައުލޫމާތު ފުރިހަމައަށް ގެނަސް ނުދޭކަން މުޅި ދުނިޔެއަށް ވަނީ ހާމަވެފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިސްރާއީލުން ގަތުލުއާންމުތައް ހަފްތާއަކަށް މެދުކަނޑާލައި އަސީރުން ބަދަލުކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔަ އެއްބަސްވުމަކީވެސް ގަތަރު އިސްވެ އޮވެގެން ކުރި ބުރަ މަސައްކަތްތަކުގެ ދަށުން ވުޖޫދަށް ގެނައި އެއްބަސްވުމެކެވެ.
އެހެންކަމުން ގަތަރުގެ އަމީރު އިސްރާއީލުގެ ރައީސް އާ ޔޫއޭއީ ގައި ބައްދަލުކުރެއްވީ އިސްރާއީލާ ކޮންމެވެސް ވަރެއްގެ އަންޑަސްޓޭންޑިންގް އެއް ބާއްވައިގެން ނޫނީ ޣައްޒާގައި ގަތަރުން ހިންގާ މިޑީއާ ކަންތައްތަކާއި އާންމުންނަށް އެހީތެރިވުމުގެ އިންސާނީ ކަންކަން ކުރިޔަށް ނުގެންދެވޭނެތީ އެކަމަށް މަގުފަހިކުރުންކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އިސްރާއީލުގެ ރައީސް އާ ގަތަރުގެ އަމީރު ޔޫއޭއީގައި ބައްދަލުކުރެއްވުމުން އަރަބި އިސްލާމީ ދުނިޔޭގެ އާންމުންގެންދަނީ ސޯޝަލް މީޑީއާގައި ރުޅިވެރިކަން ފާޅުކުރަމުންނެވެ.