05 Dec 2023, 07:05
ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން، ޖެނުއަރީ ޓްރާންސްފާގައި ވިއްކާލަން މެންޗެސްޓާ ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މި ސީޒަނުގައި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް، ވަރާންއަށް ފުރުސަތު ދީފައިވަނީ އެންމެ އަށް ޕްރިމިއާ ލީގު މެޗުގައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އޭނާއަށް ކުޅެން ލިބިފައިވަނީ އެންމެ 18 މިނެޓެވެ. އެންމެ ފަހުން ޔުނައިޓެޑުން އެވަޓަން އަދި ނިއުކާސަލްއާ ދެކޮޅަށް ކުޅުނުއިރު ވެސް ވަރާން ފެނިގެންދިޔައީ ބެންޗުންނެވެ.
ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކާއި ސައުދީ އަރަބިއާ ޗެމްޕިއަން އަލް އިއްތިހާދުން ވަރާންއަށް ޝައުގުވެރިވާ އިރު، ރިޕޯޓުތައް ބުނާގޮތުގައި އެ ހުށަހެޅުންތަކަށް ބެލުމަށްފަހު އޭނާ ވިއްކާލުމަށް ޔުނައިޓެޑް ތައްޔާރެވެ. އަދި އޭނާގެ އަގު 30 މިލިއަން ޔޫރޯ (25 މިލިއަން ޕައުންޑް) އަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެއާލް މެޑްރިޑުން 2021 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ވަރާންގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ. ނަމަވެސް ވަރާން ދޫކޮށްލުމަށް ޔުނައިޓެޑުން ނިންމާފައި މިވަނީ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރަށްވުރެ ދިގު މުއްދަތެއް އޮއްވައެވެ. އޭނާ ވެސް އެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް، އެހެން ކްލަބަކާ ގުޅެން ބޭނުންވެއެވެ.
ރެއާލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އުމުރުން 30 އަހަރުގެ ވަރާން ވަނީ ޔުނައިޓެޑުގެ ޖާޒީގައި 75 މެޗު ކުޅެފައެވެ.