05 Dec 2023, 19:45
މިދިޔަ ހުކުރު ދުވަހުގެ ރެއާއި އާދިއްތަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީތަކާ ގުޅިގެން ފުލުހުން އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.
އަދި އާދިއްތަ ދުވަހު ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހުން ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ. އެއީ 18 އަހަރުގެ ފިރިހެނަކާއި، 20 އަހަރުގެ ފިރިހެނަކާއި، 21 އަދި 23 އަހަރުގެ ފިރިހެނެކެވެ.
ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީގެ މައްސަލައާ ގުޅިގެން މީގެ ކުރިން 18، 19، އަދި 20 އަަހަރުގެ އިތުރުން 23 އަހަރުގެ ޒުވާން ހަަތަރު ފިރިހެނުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ކޯޓުން ވަނީ ރޭ ހައްޔަރު ކުރި 23 އަހަރުގެ މީހާއާއި އިއްޔެ ހައްޔަރު ކުރި 20 އަހަރުގެ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ހިތަދޫގެ ދެ ގޭންގުގެ ދެމެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ވެފައެވެ. އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
ހުކުރު ދުވަހުގެ މާރާމާރީއަށް ފަހު އާދިއްތަ ދުވަހު ހިތަދޫގައި ހިންގި މާރާމާރީ، ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު ފަހު 15:30 ހާއިރެވެ.
އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފައިވަނީ 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ މީހާގެ ބަނޑަށާއި ކޮނޑަށް ވަޅި ހަރައިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އޭނާ ވެސް އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ދުވަސްތަކެއް ވަންދެން ހިމޭންވެފައި އޮތުމަށް ފަހު، މި ފަހުން އައްޑޫގެ އިތުރުން މާލޭގައި ވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީތައް ހިނގައިފައެވެ. އެހެންވެ، ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.