ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މި ދާ ބާރުމިނުގައި ދާނަމަ، ދެ މަސް ދުވަހަށް ދެމިގެންދާ ކަމަށް އިސްރާއީލުގެ އަސްކަރީ ވަޒީރު ޔޯއަވް ގަލަންޓް ވިދާޅުވެއްޖެއެވެ.

މިޑްލް އީސްޓް ނޫހުން ރިޕޯޓުކުރާ ގޮތުގައި މުޅި ޣައްޒާ ސާފުކޮށްލައި ޓެރަރިޒަމް އެއްކޮށް ނައްތާލުމަށް އެތައް މަހެއް ވަންދެން ވެސް ހަނގުރާމަ ކުރާނެ ކަމަށް އޭބީސީއަށް ދިން އިންޓަވިއުއެއްގައި ގަލަންޓް ވިދާޅުވިއެވެ. އަދި، ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމިއްޔާ އެއްކޮށް ނައްތާލައި ސުންނާފަތި ކޮށްނުލެވެނީސް އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއިން ނުފައިބާނެ ކަމަށް ވެސް ގަލަންޓް ވިދާޅުވިއެވެ.

ހަމާސް ނައްތާލުމަށާއި، ޣައްޒާގެ ދެކުނުގައި ހަމާސުން ހަރަކާތްތެރިވާ ގޮތް ބެލުމަށް އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަންތައް ގަލަންޓު ވަރަށް ރަނގަޅަށް ބައްލަވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރީ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގައި ހަރަކާތްތެރި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި ޗީފް އޮފް ސްޓާފް ހެރްޒީ ހަލެވީ ކަންކަން މެނޭޖް ކުރައްވަމުން ގެންދަވަނީ ވަރަށް ކާމިޔާބުކަމާ އެކީގައެވެ. އަދި، ވަރަށް އަވަހަށް އުތުރު ޣައްޒާއަށް ވެސް ހަމަލާތައްދީ މުޅި ޣައްޒާ ހިފާނެ ކަމަށް ވެސް ގަލަންޓު ވިދާޅުވިއެވެ.

ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިސްރާއީލުން މީހުން މިނިވަންވެ، ހަމާސް އެއްކޮށް ނައްތާލައި ކާމިޔާބު ލިބެންދެން މަސައްކަތްކުރާނެ ކަމަށް ވެސް ގަލަންޓު ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 15,899 އަށް އަރައިފައިއެވެ. އޭގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 42,000 އަށް އަރާފައެވެ.