09 Dec 2023, 11:03
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އެއްގަމުން ދެމުން ގެންދާ ޙަމަލާތަކަށް ފަރުވާލެއް ނުބަހައްޓާ ޣައްޒާގެ ޖެހިލުން ކުޑަ، ހިތްވަރުގަދަ އަބޫ ޝަހުލާގެ އާއިލާ އަދިވެސް ތިބީ ޣައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ އެ މީހުންގެ ގޭގައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިން ކޮންމެ ފަހަރަކު އެ މީހުންގެ ގެއަށް ގެއްލުންވެ ހިތަށް ބިރުވެރިކަން ވެރިވެ، މުޅި ޢުމުރު ދުވަހު އުޅުނުގެ ދޫކޮށް އެންމެ ފަހުން ޖެހުނީ އެހެން ތަނަކަށް ދާށެވެ. ނަމަވެސް ޣައްޒާ ދޫކޮށް އެހެން ބިމަކަށް ދާކަށް އަބޫ ޝަހުލާގެ އާއިލާ ބޭނުމެއްނުވެއެވެ.
"އަހަރެންގެ ކާފަ އާއި މާމަ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވީ 1948 ވަނަ އަހަރު." އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން 750000 މީހުން އެ މީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވި ފަލަސްޠީނުގެ މީހުން ކިޔާގޮތުން ނަމަ ނަކްބާ ނަމުން މަޝްހޫރު ދުވަސްވަރަށް އިޝާރާތްކޮށް އަބޫ ޝަހުލާގެ ޢާއިލާގެ ޢުމުރުން 24 އަހަރުގެ އަމާލް ބުންޏެވެ.
"އަދި މިއަދު އެ ތަޖުރިބާ ކުރަން މަޖުބޫރު ވެފައި ވަނީ އަޅުގަނޑުމެން ޒުވާން ޖީލަށް." އަމާލް ބުންޏެވެ.
އަބޫ ޝަހުލާގެ ޢާއިލާގެ 20 މެމްބަރުން މިހާރު ތިބީ ޣައްޒާގައި ހުންނަ އެ މީހުންގެ ބޮޑު ދައިތައެއްގެ ގޭގައެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްގައި އިތުރު 15 އަވަށްޓެރިންނާއެކުގައެވެ.
އެ ޢާއިލާއަށް ގެއިން ނިކުމެވެނީ ހަމައެކަނި ހަމަލާތައް މަޑުޖެހިފައި އޮންނަ ވަގުތުކޮޅެއްގައެވެ. އެ ހިސާބުގައި ކާނާ އާއި އިތުރު އިންސާނީ އެހީ ލިބުންވެސް ދައްޗެވެ. ރައްކާތެރިކަމާއެކު ޣައްޒާއިން ނިކުމެވޭ ގޮތްވީ ނަމަވެސް ޣައްޒާ ދޫކޮށްފައި ނުދާނެ ކަމަށް އަބޫ ޝަހުލާގެ ޢާއިލާއިން ބުނެއެވެ. އަދި ޣައްޒާއިން ނިކުމެގެން އިސްރާއީލުން ހަމަލާ ނުދޭނެ ކަމަށް ދާނެ ވަކިތަނެއްވެސް ނެތް ކަމަށް އެ މީހުން ބުނެއެވެ.
"އަހަރުމެންނަށް އެހެން ގެއެއް ބިނާ ކުރެވިދާނެ. ބިނާ ކުރާނަން. ނަމަވެސް މިއީ އަހަރުމެންގެ އަމިއްލަ ގެއެކޭ ބުނާވަރު ތަނެއް ނުލިބޭނެ. އަހަރުމެންގެ ގެއަކީ ބިމަކީ ހަމައެކަނި ފަލަސްޠީނު." އަމާލް ބުންޏެވެ.
ބިރުވެރިކަން ވަށާލައިފައި އޮތް ނަމަވެސް ޣައްޒާ ދޫކޮށް ނުދާނެ ކަމަށާއި ފަލަސްޠީނުގައި ދިރިއުޅުމުގެ ޙައްޤު އެ މީހުންނަށް އޮންނާނެ ކަމަށް އަމާލްގެ ކާފަ އަބޫ ރާޝިދު ބުންޏެވެ.
ފިނި މޫސުން ފެށިފައިވާއިރު، މުޅި ޣައްޒާގެ އާއިލާތަކަށް ވަނީ އިތުރު ވޭނެއް ތަޙަމަލުކުރަން ޖެހިފައެވެ. ހަފުތާއެއްހާ ދުވަހުގެ މެދުކަނޑާލުމަކަށް ފަހު އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.