15 Dec 2023, 10:01
އިންޑިއާގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންއާ އެކު މަސައްކަތް ކުރުމަކީ އެކްޓިންއާ ގުޅުންހުރި ތަމުރީނެއްގައި ބައިވެރިވުން ކަހަލަ ކަމެއް ކަމަށް ބޮލީވުޑްގައި ކުރި ހޯދަމުން އަންނަ ބަތަލާ އަނަނިޔާ ޕާންޑޭ ބުނެފިއެވެ.
ބަތަލާ އަނަނިޔާއާއި ދިޕިކާ ޕަދުކޯން އެކީގައި މިދިޔަ އަހަރު ކުޅުނު ފިލްމު "ގެހެރައިޔާން"ގެ ސަބަބުން އަނަނިޔާގެ ފިލްމީ ކެރިއަރާ ގުޅުންހުރި ވަރަށް ގިނަ ކަންކަމަށް ބަދަލު އައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕަދްމަވާތު"ގެ ބަތަލާގެ ފަރާތުން ލިބުނު ފިލާވަޅުތަކުގެ އަލީގައި މިހާރު ކޮންމެ ފިލްމެއްގެ ސެޓަށް ދިޔަސް އަނަނިޔާ އެ ސެޓަކާ ގުޅުމުގެ މާ ކުރިން ފިލްމުގައި ލިބިފައިވާ ރޯލަށް ތައްޔާރުވާ ކަމަށް އުއްމީދީ ބަތަލާ ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ސްކްރިޕްޓެއްގައި އަނަނިޔާ ކިޔަންޖެހޭ ޑައިލޮގްސްތަކުގެ އަދަދާއި ކުޅޭ ކެރެކްޓާއެއްގެ ކިބައިގައި ހުންނަ ހުރިހާ ސިފައެއްގެ މަޢުލޫމާތު އެއްކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބައިނަލްއަޤުވާމީ ފެންވަރުގެ ބަތަލާއަކާ އެކު މަސައްކަތް ކުރުމަކީ ފަސޭހަ ކުޅޭކުޅޭ ކަމެއް ނޫންކަމަށް އަނަނިޔާ ވަނީ ސިފަކޮށްފައެވެ. އަނަނިޔާ ފަދަ ފިލްމީ ދާއިރާގެ ތަޖުރިބާ މަދު ބަތަލާއަކަށް ދިޕިކާ ފަދަ ތަޖުރިބާހުރި ފިލްމީ ތަރިއެއްގެ ފަރާތުން ހޯދިދާނެ ވަރަށްގިނަ ފިލާވަޅުތަކެއް ހުރިކަމަށް ދާދި ފަހުން ރިލީޒްވި ފިލްމު "ޑްރީމް ގާލް2"ގެ ބަތަލާ ވަނީ ބުނެފައެވެ.

ދިޕިކާ އަދި އަނަނިޔާ ފިލްމު "ގެހެރައިޔާން"ގެ މަންޒަރެއްގައި --
ފިލްމު "ގެހެރައިޔާން"އަކީ ދަރުމާ ކުންފުނީގެ އުފެއްދުމެކެވެ. އަނަނިޔާ ޕާންޑޭ އަދި ދިޕިކާ ޕަދުކޯންއާ އެކު އެކްޓަރު ސިދާތު ޗަތުރުވެދީ މުހިއްމު ރޯލެއް ކުޅުނު މި ފިލްމު ޕްރިމިއާ ކޮށްފައިވަނީ އެމޭޒަން ޕްރައިމްގައެވެ. ފިލްމު ކްރިޓިކުން "ގެހެރައިޔާން"އަށް މާ ބޮޑު ތަޢުރީފެއް ނުލިބުނަސް ފިލްމުގައި ތިން ތަރިން ދެއްކި އެކްޓިންއަށް ބެލުންތެރިން ވަނީ ތަޢުރީފުކޮށްފައެވެ.
ބަތަލާ އަނަނިޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 26 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއަކުރާ ފިލްމު "ކޯ ގަޔޭ ހަމް ކަހާ" އިންނެވެ.