16 Dec 2023, 11:50
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ބުނީ، ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ޕްރައިމެރީ ބާއްވާނެ ކަމަށެވެ. އެގޮތުން ޕްރައިމަރީ ބާއްވާނީ، 26 އަދި 27 ޖެނުއަރީވާ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށް އެ ޕާޓީން ބުންޏެވެ.
ނަމަވެސް، ޕްރައިމަރީގައި ވެސް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާ މެމްބަރުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީ ޓިކެޓުގައި މަޖިލީހަސް ވާދަކުރަން ޝައުގުވެރި ވާނަމަ ފޯމު ހުށަހަޅާނީ، މެދުވެރިކޮށެވެ. ޝައުގުވެރިކަން ފާޅުކޮށް ހޯމު ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކޮށް، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު ހުށަހަޅަން އެ ޕާޓީން ވަނީ އެދިފައެވެ.
ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު، މިއަދު ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވާނީ ޑިސެމްބަރު 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށެވެ.
ޝައުޤުވެރިކަންފާޅުކުރާ މީހުންގެ ޝަރުޠުތައް:
އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.
މިހާރު ކުރިއަށްދާ މަޖިލީހަކީ އެމްޑީޕީގެ ތާރީހުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެކެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު ސިޔާސީ ގޮތުން ބާރުވެރިވުމަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ހޯދަން ޖެހެއެވެ.