17 Dec 2023, 12:48
އަންނަ އަހަރު ރާއްޖެއަށް 2.01 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ)އިން އަންދާޒާކޮށްފިއެވެ.
އެއީ މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ 7.9 ޕަސެންޓުގެ ކުރިއެރުމެކެވެ.
މަޓާޓޯއިން އަންނަ އަހަރަށް ލަފާކުރާ ބައެއް ހިސާބުތައް:
އޭޝިއާ: 1.2 މިލިއަން އެރައިވަލް (60 ޕަސެންޓް)
- ޔޫރަޕް: 400،000 އެރައިވަލް (20 ޕަސެންޓް)
- އެމެރިކާ: 200،000 އެރައިވަލް (10 ޕަސެންޓް)
- އެހެން ގައުމުތަކުން: 210،000 އެރައިވަލް (10 ޕަސެންޓް)
އަންނަ އަހަރު ފަތުރުވެރިން އިތުރުވާނެ ކަމަށް މަޓާޓޯއިން ލަފާކުރާ ސަބަބުތަކުގެ ތެރޭގައި ޗައިނާ ފަތުރުވެރިން އަންނަ މިންވަރު އަނެއްކާވެސް އިތުރުވުމާއި، ފަތުރުވެރިންނަށް ޚާއްޞަ އާ ތަންތަން އަންނަ އަހަރު ހުޅުވުން ހިމެނެއެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލްގެ މަސައްކަތް ނިމުމުން ވެސް ފަތުރުވެރިން ގެންނަ މިންވަރު އިތުރު ކުރުމަށް މަގުފަހިވާނެ ކަމަށާއި ޑެސްޓިނޭޝަން ވެޑިންސްއާއި ހަނީމޫނަށް ވެސް ރާއްޖޭގެ މަގުބޫލުކަން އިތުރުވާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ އަދަދު 1.9 މިލިއަނަށް މަތިކުރެއްވިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުގައި ވާގޮތުން، ރާއްޖެއަށް 1.75 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ.