އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެ ތާވަލްގެ ދެވަނައަށް އެރުމަށް ސިޓީއަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

ނަމަވެސް ޕެލަސްއިން މި މެޗުގައި ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ދޭތެރެ ދޭތެރެއިން ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. އަދި މި މެޗުގެ ބޮޑު ބައިގައި ސިޓީއިން ވަރަށް ހަމަޖެހިގެން ކުޅުނު ނަމަވެސް ޕެލަސްގެ ނުރައްކާތަކާ ސިޓީއަށް ކުރިމަތިވާން ފެށީ ދެވަނަ ހާފާ ހިސާބުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ސިޓީއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެކް ގްރީލިޝެވެ.

ދެވަނަ ލަނޑު މެޗުގެ 54ވަނަ މިނެޓްގައި ޖަހައިދިނީ ނީކޯ ލުއިސްއެވެ.

މެޗުގެ 76ވަނަ މިނެޓްގައި ޕެލަސްއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޖޮން ފިލީޕޭ މަޓޭޓާއެވެ.

ޕެލަސްއިން އިތުރު ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުމެވެ. ޕެލަސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މައިކަލް އޮލީސޭއެވެ.

މި މެޗު އެއްވަރު ވުމުން ސިޓީ މިހާރު އުޅެނީ ކުޅުނު 17 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. މިއީ ސިޓީއިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ޕެލަސް މިހާރު އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.