17 Dec 2023, 16:26
ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އެއްކޮށް ދިނުމަށް، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބް ވިދާޅުވީ ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވާ ކަމަށެވެ.
އާއްމުކޮށް މިހާރު ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބެނީ އަހަރަކު 1،000 މީހުން ހައްޖަށް ގެންދިއުމަށެވެ. މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމެވެ. ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ.
އަމިއްލަ ޖަމާއަތްތަކުން މީހުން ހައްޖަށް ގެންދިއުމުގެ ނަމުގައި ބޮޑެތި އޮޅުވާލުންތަކެއް ދިޔައީ އޮޅުވާލަމުންނެވެ. އެގޮތުން ސަރުކާރުން ހުއްދަ ދީފައިވާ އަގަށް ވުރެން ބޮޑު އަގެއް ނެގުމާއި އިންތިޒާމުތައް ރަނގަޅަށް ހަމަނުޖެއްސުން ފަދަ އެތައް ކަމެއް ހިމެނެއެވެ.
އޭގެ ސަބަބުން ބައެއް ފަހަރުތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށް ފަހު ހައްޖަށް ދިއުމުގެ ފުރުސަތު ނުލިބި އެތައް ބަޔަކު މަގުމަތިވެއެވެ. މިއީ ކޮންމެ އަހަރަކުހެން ހިނގަމުން އައިކަމެކެވެ.
ހައްޖަށް ދިއުމަށްޓަކައި ކުރިއާލާ ފައިސާ ދެއްކުމުން ކިޔޫގައި ޖެހެވޭ އުސޫލެއް ހައްޖު ކޯޕަރޭޝަނުން ގެންގުޅެއެވެ. އެހެެންވެ އެތައް ސަތޭކަ ބަޔަކު ވަނީ އެގޮތަށް ފައިސާ ދައްކައި ކިޔޫގައި ޖެހިފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާރު ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރު 50 މީހުން ހިލޭ ހައްޖަށް ފޮނުވުމަށެވެ.