18 Dec 2023, 13:52
ރައްޔިތުންގެ މަޖިލީހުން އަބަދު ވެސް އަމަލުކުރަމުން އައި އުސޫލުތައް، ސިޔާސީ ސަބަބުތަކަކަށްޓަކައި ދޫކޮށްލުމަކީ ދެރަކަމެއް ކަމަށް ވިދާޅުވެ، ވަޒީރުންނަށް ރުހުންދިނުން ލަސްކުރުމުން ބަންޑާރަނައިބު މުހައްމަދު އުޝާމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވަޒީރުންނަށް ރުހުން ހޯދަން ހުށަހެޅިއިރުގައި ވުޒާރާތަކުގެ މަސްއޫލިއްޔަތާއި ޒިންމާތައް ބަޔާންކޮށްފައިނުވާ ކަމަށާއި އަދި، މަޖިލީހުން ނިންމަންވީ ގޮތެއް ވެސް ކޮމިޓީން ނިންމާފައިނުވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލަން ނިންމައިފައެވެ. އެހެންވެ، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް އަނެއްކާ ވެސް ފަސްވާނެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުން މިއީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. ކުރިން މަޖިލީހުން އަމަލުކުރަމުން އައި ވެސް އެގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ.
އެގޮތުން ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި:
ކުރީ ސަރުކާރުން ވަޒީރުންނަށް ރުހުން ހޯދަން ހުށަހެޅީ 22 ނޮވެމްބަރު 2018 ގައި
- މަޖިލީހުން ވަޒީރުންނަށް ރުހުންދިނީ ހަތަރެއް ޑިސެމްބަރުގައި
- މެންޑޭޓު ފާސްކުރަން ހުށަހެޅީ 13 ޑިސެމްބަރުގައި
"ސިޔާސީ ސަބަބުތަކަށްޓަކާ މަޖިލީހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް،" އުޝާމް ވިދާޅުވިއެވެ.
މިއަދު އޮތް މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާއަށް ވަނީ ވަޒީރުންނަށް ރުހުންދިނުން އެޖެންޑާކޮށްފައެވެ.
އެކަމަކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެޖެންޑާ އިއުލާނުކުރެއްވުމާ އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ވަޒީރުންނަށް ރުހުންދިނުމާ މެދު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ފުރިހަމަނުވާކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވި، އެހެންވެ މިއަދު ވަޒީރުންނަށް ރުހުންދިނުމާ މެދު ވޯޓަށް އެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެހެންވެ، އަސްލަމް ވަނީ އެ ނިޒާމީ ނުކުތާ ބަލައިގެންފައެވެ. އަދި، އެ ނުކުތާއާ ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާ އެކު މަޝްވަރާ ކުރައްވައިފައެވެ.
މަޝްވަރާއަަށް ފަހު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީން ރިޕޯޓު އެކުލަވައިލެވިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ރ ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ނިންމެވީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.
އެ ނިންމުމާ ގުޅިގެން ސަރުކާރު މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.