މިހާރު ފިލްމުތަކުން ވަރަށް މަދުން ފެންނަ ބަތަލާ ނެހާ ދޫޕިއާ ކެރިއަރުގެ ފުރަތަމަ ބައިނަލްއަގުވާމީ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފިލްމު "ޤަޔާމަތު"އިން 2003ވަނަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާގެ ފުރަތަމަ އިންޓަނޭޝަނަލް ފިލްމަކީ، މިސްރުގެ މަޝްހޫރު ޑައިރެކްޓަރު އަލީ އަލް އަރާބީގެ ފިލްމެކެވެ.

އިންޑިއާގެ ކޮޗިން އަދި ޤަތަރުގެ ހިތްގައިމު އެކި ސަރަޙައްދުތަކުގައި ޝޫޓިންގް ކުރިއަށްދާނެ މި ފިލްމުގެ ނަމަކީ، "ބްލޫ52"އެވެ. މި ފިލްމުގައި ނެހާ ފެންނާނީ މީގެ ކުރިން ބަތަލާ ފެނިފައިނުވާ ފަދަ ޗެލެންޖިން ރޯލަކުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އުމުރުން ނުވަ އަހަރުގައި ދޮށީ ދަރިފުޅު ގެއްލުމުން ނަފުސާނީ ގޮތުން އެކަމުގެ އަސަރުކޮށްފައިވާ ބައްޕައަކު އޭނާގެ ހަގު ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރަށް އެ ދަރިފުޅު އާއްމުންނާ ވަކިން، ވަކި ރަށެއްގައި ގެންގުޅުމުން އެ ކުއްޖާއަށް ދިމާވާ ތަފާތު އެކި ނަފުސާނީ މަސައްލަތަކުގެ މައްޗަށެވެ. އެ ދަރިފުޅު އާއްމުން ދިރިއުޅޭ ދުނިޔެއަކަށް ގެންގޮސްދިނުމަށް އެހީތެރިވާ މަންމައެއްގެ ރޯލުން ނެހާ ފެންނައިރު ދިމާވާ ވަރަށް ގިނަ ކަންކަމުން ހިމާޔަތް ހޯދާނެގޮތް ފިލްމުން ފެންނާނެއެވެ.

މިސްރުގެ ޑައިރެކްޓަރު އަލީ އަލް އަރާބީ --
މިސްރުގެ ޑައިރެކްޓަރު އަލީ އަލް އަރާބީ ފަދަ ތަޖުރިބާ ހުރި ޑައިރެކްޓަރަކާ އެކު ފުރަތަމަ އިންޓަނޭޝަނަލް ފިލްމުގެ މަސައްކަތް ފެށުމަށް ފަހިވި ފުރުސަތަކީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް ޤަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި ފިލްމުގައި ނެހާ ކުޅޭ ރޯލަކީ ގޮންޖެހުންތަކެއް ހުރި ރޯލަކަށް ވެފައި ފުރަތަމަ ބައިނަލްއަޤުވާމީ ފިލްމުގެ ލީޑަކަށް މި ފިލްމު ކުޅެން އެއްބަސްވީ ފިލްމުގައި ނަފުސާނީ ދުޅަހެޔޮކަމުގެ މައުޟޫއަށް ވެސް އަލި އަޅުވާލާފައިވާތީ ކަމަށް ނެހާ ވަނީ ބުނެފައެވެ. ބޮލީވުޑްގެ އެކްޓަރު އަންގަދު ބެދީއާ ކައިވެނި ކުރުމަށް ފަހު ނެހާ ފިލްމުތަކުން ފެންނަ މިންވަރު މަދުވި ނަމަވެސް ބަތަލާ ވަނީ ބައެއް ޓީވީ ޝޯވްތައް ހޯސްޓުކޮށްފައެވެ. ހަމައެއާ އެކު ބައެއް ފިލްމުތަކުގައި ސަޕޯޓިން ރޯލުން ވެސް ނެހާ ވަނީ ފެނިފައެވެ.